ދަފުތަރު މީހުންނަށް ގޯތި ދިނުމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިއަދު ހުށަހެޅި ކުއްލި މައްސަލަ ވެސް ބޭރުކޮށްލައިފި އެވެ.

ޖާބިރު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި ހިދުމަތް ފޯރުކޮށްދެވެން ވާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށް ގާނޫނު އަސާސީގައި ވާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ގޯތި ގެދޮރުގެ ސިޔާސަތުގެ ސަބަބުން، ގިނަ ބަޔަކު އެ ހައްގުން މަހުރޫމުވާ ކަމަށެވެ.

ޖާބިރު ވަނީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކީ ދަފްތަރުގައި ޖެހިފައިވާ ބައެއް ނޫންކަން ފާހަގަކުރައްވާފަ އެވެ. ހަމައެހެންމެ ގޯތި ދިނުމުގައި ދަފްތަރުގައި ތިބި ފަރާތްތަކަށް އިސްކަން ދިނުމަކީ އިންސާފަކަށް ނުވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވެފައިވެ އެވެ.

އޭނާ ވަނީ ބޯހިޔާވަހިކަން ދިނުމުގައި މާލެ މީހުންނާއި ތަފާތު ކުރުމެއް ނެތި އަތޮޅުތެރޭގެ މީހުންނަށް ވެސް ގޯތި ފޯރުކޮށްދެވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޖާބިރު މިއަދު ހުށަހެޅި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. އަދި 28 މެމްބަރަކު، މައްސަލަ ބަލައިނުގަންނަ ކަމަށް ވޯޓް ދެއްވާފައިވާއިރު، އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ.

ޖާބިރު އިއްޔެ ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް މަގާމުން ދުރުކުރަން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އަދި އެ މައްސަލަ ވެސް މަޖިލީހުން ބޭރުކޮށްލާފަ އެވެ.

އާޒިމް މަގާމުން ވަކިކުރެއްވުމަށް މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވަނީ، އާޒިމްއަށް، ކޮރަޕްޝަންގެ އަމަލުތައް ކުރައްވާކަމަށް ތުހުމަތުކުރައްވާފަ އެވެ.