ސޯޝަލް މީޑިއާގެ ސަބަބުން ނަފްސާނީ ސިއްޙަތަށް ނޭދެވޭ އަސަރުކުރާ ކަމަށް މީގެ ކުރިންވެސް ގިނަ ދިރާސާތަކަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އިންސްޓަގްރާމް އާއި ފޭސްބުކްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މާގިނައިން ބޭނުންކުރުމުން އެންޒައިޓީ އާއި ޑިޕްރެޝަން އިތުރުވާ ކަމަށްވެސް ދިރާސާތަކުން މިވަނީ ހޯދައިފަ އެވެ.

ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ފުރާވަރު އުމުރުގެ ކުދިންނަށް ވަރަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ޖާމާ ޕީޑިއެޓްރިކްސްގައި ޗާޕުކޮށްފައިވާ އެ ދިރާސާއިން ބުނާ ގޮތުގައި ފޭސްބުކް އާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި މާގިނަ ވަގުތު ހޭދަކުރާ ކުދިންނާއި، މާގިނައިން ޓީވީ ބަލާ ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުސަތު ބޮޑެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް މޮންޓްރެއާލްއިން ހިންގި ހަތަރު އަހަރު ދުވަހުގެ މި ދިރާސާގައި 3،800 އަށްވުރެ ގިނަ ހައިސްކޫލް ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. ދިރާސާވެރިން ވަނީ އެކުދިން ކޮންމެ ދުވަހަކު ޓީވީ ބެލުމަށާއި، ސޯޝަލް މީޑިއާގައި އަދި ވީޑިއޯ ގޭމްސްތައް ކުޅުމުގައި ހޭދަކުރާ ވަގުތާއި އެކަމުން އެކުދިންނަށް ކުރިމަތިވި ޑިޕްރެޝަންގެ އަލާމާތްތައް ވެސް ތަހުލީލް ކޮށްފަ އެވެ.

ނަތީޖާތައް ދެއްކި ގޮތުން އެކުދިން ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ދިޔައީ އެއް އަހަރަށްވުރެ އަނެއް އަހަރު އިތުރުވަމުންނެވެ. އަދި އޭގެ ސަބަބުން އެކުދިންނަށް ކުރިމަތިވި ޑިޕްރެޝަންގެ އަލާމާތްތައް ވެސް ދިޔައީ އިތުރުވަމުންނެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. އެލްރޯ ބޮއާސް ވިދާޅުވީ ސޯޝަލް މީޑިއާ އާއި ޓީވީ އިން އާންމުކޮށް ފެންނަނީ "ޕާފެކްޓް" ހަށިގަނޑު ހުންނަ، މަޖާ އަދި ވަރަށް މުއްސަނދި ދިރިއުޅުން އުޅޭ މީހުން ކަމަށެވެ.

އެހެންނަމަވެސް، ވީޑިއޯ ގޭމްތައް ކުޅުމާއި ޑިޕްރެޝަންއާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ދިރާސާއިން ދައްކާފައެއް ނުވެ އެވެ.

ޑިޕްރެޝަން އަށް މަގުފަހިވާ ސަބަބުތައް ދުރާލާ އެނގުމަކީ މައިންބަފައިންނާއި ސިއްޙީ މާހިރުންނަށްވެސް، އެކަން އިތުރަށް ގޯސްވުމުގެ ކުރިން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ. ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ އާއި ޓީވީ ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް، ރަނގަޅަށް ބެލެހެއްޓުމަކީ ޑިޕްރެޝަން އާއި ޑިޕްރެޝަންގެ އަލާމާތްތައް ވެސް ކޮންޓްރޯލް ކުރަން އެހީވާނެ ކަމެކެވެ.