ވޮޝިންޓަން (17 މާޗް) - ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިންއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ޕުޓިންއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޕުޓިންއަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ބައިޑަންގެ މި ބަސްފުޅަކީ ރަޝިއާގެ ރައީސަށް އަމާޒުކޮށް އެއްވެސް ގައުމެއްގެ ރައީސަކު މިހާތަނަށް ވިދާޅުވި އެންމެ ހަރުކަށި ބަސްފުޅެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ ބައިޑަން ޕުޓިންއަށް އަމާޒުކޮށް ވިދާޅުވި ބަސްފުޅަކީ އޭނާއަށް ހައްގުވާ ބަސްފުޅެއް ކަމަށެވެ.

"ރަޝިއާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއެކު ޕުޓިންއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ބުނުން ރަނގަޅު،" ޖެން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް އޮފީހުން ބުނީ ބައިޑަންގެ ބަސްފުޅަކީ ބަލައިގަނެވޭނެ ބަސްފުޅެއް ނޫން ކަމަށާއި އެކަމަށް މައާފު ނުކުރެވޭނެ ކަމަށެވެ.

"ގައުމެއްގެ އެންމެ އިސްވެރިޔާގެ ފަރާތުން އެފަދަ ބަހެއް ލިބުމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭ ކަމެއް ނޫން،" ރަޝިއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބައިޑަން މިހެން ވިދާޅުވެފައި މިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ އެމެރިކާގެ ކޮންގްރެސްގައި ވީޑިއޯ މެދުވެރިކޮށް ތަގުރީރު ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.