ދުވަސް ފެށި ވަކި ހިސާބަކުން އެއީ ކޮން ދުވަހެއްކަން އަންގަން ރަސްކަމުގެ ކޮއިލު ތެރެއިން އިއުލާން ކުރާނެ އެވެ. އެކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް އޮވެ އެވެ. އެ އިއުލާނާއެކު މީސްތަކުން ކުރަމުންއައި ކަމެއް ވަގުތުން ހުއްޓައިލައި ހުކުރަށް ދިޔުމުގެ ތައްޔާރީތައް ފަށަ އެވެ.

"އެ ދުވަހު ހެނދުނު ރަސްމީ އިއުލާންތައް ގޮވުމަށް ރަދުންގެ ފަރާތުން ޚާއްސަވެފައި ހުންނަ މީހާ ހުކުރު ދުވަސްކަން އިއުލާން ކުރުމަށް އެ ރަށް ވަށައި ހިނގާނެ އެވެ. އެއިރު އޭނާގެ އަތުގައި ވަރަށް ބޯ ލޯގަނޑަކާއި ލަކުޑިން ހަދާފައިވާ މުގުރެއް އޮންނާނެ އެވެ. ދެން ކޮންމެ ހަތަރު އަނގޮޅިއެއްގައި ހުއްޓި ހުރެ އެ މުގުރުން ލޯގަނޑުގައި ތަޅައިގެންފައި އެއީ ހުކުރު ދުވަސްކަން މީސްތަކުންނަށް އިއުލާންކޮށް ހުކުރަށް ދިއުމަށް ނަސޭހަތްތެރިވާނެ އެވެ."

މިއީ މީގެ ހަތަރު ސަތޭކަ އަހަރަށް ވުރެ ކުރިން ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ކަލާފާނުގެ ވެރިކަމުގައި ހުކުރު ދުވަސް ފެށޭ ގޮތާ މެދު އެ ދުވަސްވަރު ރާއްޖޭގައި ހުރި ފަރަންސޭސި ލިއުންތެރިޔާ ޕިރާޑް ލިޔެފައިވާ ގޮތެވެ.

ޕިރާޑް ބުނެފައިވާގޮތުން ނަމަ ހުކުރު ދުވަސް އިއުލާންކުރުމަށްފަހު ރަށުގެ 15 އަހަރުން މަތީގެ ހުރިހާ ފިރިހެނުން އަވަސް ވެގަންނާނީ ހުކުރަށް ދާން ތައްޔާރުވުމަށެވެ.

ހުކުރަށް ދިއުމަށްޓާކައި ހުރިހާ ފިރިހެނުން ފުރަތަމަ ކުރާނެ ކަމަކީ ފެންވެރުމެވެ. އެކަމަށްޓަކައި ރަށުގެ އެކި ހިސާބުތަކުގައިވާ ވެޔޮތަކަށް އެރި ރަނގަޅަށް ހިނައިގަނެ ވުޟޫ ކުރާނެ އެވެ. އެއަށްފަހު ކޮންމެ މީހެއްގެ އަތުގައި ވެސް އޮތް އެންމެ ރީތި ހެދުމެއް ލައި ޒީނަތްތެރިވާނެ އެވެ.

މާލޭގެ އާންމު ރައްޔިތުންގެ ތެރެއިން ފިރިހެނުން ހުކުރަށް ދިއުމަށް ތައްޔާރުވަމުން ގެންދާއިރު ރަސްގެފާނުގެ ގަނޑުވަރުގެ ދޮށުގައި ވެސް ދުވަހުގެ ޚާއްސަ އިހުތިފާލުތައް ދާނީ ހިނގަމުންނެވެ. އެގޮތުން ބެރު ދުނަމާރި ތާޅަފިލި ފުމޭ މީހުން ގަނޑުވަރުގެ ބޭރު ދޮރާށި ދޮށަށް ޖަމާވާނެ އެވެ. އެތަނަށް ރަސްގެފާނުގެ ޚާއްސަ ޝާހީ ހަތަރު މުދިމުން ވެސް ހާޒިރު ވާނެ އެވެ.

ޕިރާޑު ލިޔެފައިވާ ގޮތުންނަމަ މި ހަތަރު މުދިމުންނަކީ މާލޭގެ މިސްކިތްތަކުގެ މުދިމުންނަށް ވުރެ ޚާއްސަ އިހުތިރާމެއް ލިބިގެންވާ ރަސްގެފާނުގެ ޚާއްސަ ހަތަރު މުދިން ބޭކަލުންނެވެ. ހުކުރު ދުވަސް ނޫނަސް ބޮޑެތި ދީނީ އިހުތިފާލުތަކުގައި ރަސްގެފާނުގެ ފަރާތްޕުޅުން ބައިވެރިވާނީ މި ހަތަރު މުދިމުންނެވެ.

ހުކުރު ދުވަހުގެ މެންދުރު ވަގުތު ކައިރިވެގެން އަންނައިރު މާލޭގެ މުންނާރަށް އަރައި އެ މުދިމުން ތަކުބީރު ކިޔާނެ އެވެ. އެއަށް ފަހު ރަސްގެފާނުގެ ގަނޑުވަރު ދޮށަށް ގޮސް އެތާގައި ވެސް އެ ގޮތަށް ތަކުބީރު ކިޔާނެ އެވެ. އެ ހިސާބުން ރަސްގެފާނު ހުކުރަށް ވަޑައިގަންނަވާ ދުވަހެއް ނަމަ އެމަނިކުފާނުގެ ޚާއްސަ މުސައްލަ ކޮޅު މިސްކިތުގައި އެޅުމަށްޓަކައި ފޮނުވާނެ އެވެ. މި މަންޒަރުތައް ވަރަށް ގާތުން ބަލާފައިވާ ޕިރާޑު ބުނާ ގޮތުންނަމަ ވަރަށް މަދު ދުވަހެއްގައި ފިޔަވައި ރަސްގެފާނު ހުކުރަށް ވަޑައިގަންނަވާނެ އެވެ.

ރަސްގެފާނުގެ މުސައްލަކޮޅު މިސްކިތަށް ފޮނުވުމާއެކު ހަތަރު މުދިމުން ދާނީ ކަތީބު މީހާގެ ގެއަށެވެ. އެ ގެއަށް ގޮސް އެ ގޭދޮށުގައި ވެސް ތަކުބީރު ކިޔާނެ އެވެ. އެ ހިސާބުން ކަތީބު މީހާ ހުކުރަށް ދިއުމަށްޓަކައި ގެއިން ނިކުންނާނެ އެވެ. އޭނާގެ ހެދުމަކީ ހުދު، ދިގު، ދޫ، ލިބާހެކެވެ.

ޕިރާޑު ބުނެފައިވާ ގޮތުގައި އެ ލިބާހުގެ މަތީން އަރަބި ފެޝަނުގެ ޖުއްބާއެއް ލާނެ އެވެ. އޭނާ އަރާނީ ގިރިޓީ ކޮށްފައި ހުންނަ ފައިވާނަކަށެވެ.

ކަތީބު މީހާ ގެއިން ނުކުމެ ހަތަރު މުދިމުންނާ އެކު ދާނީ ރަސްގެފާނުގެ ގަނޑުވަރަށެވެ. އެހިސާބުން ރަސްގެފާނު އެމީހުންނާ ގުޅިވަޑައިގަންނަވާނެ އެވެ. ރަސްގެފާނުގެ އަރިހުގައި ހުރިހާ ކިލެގެ ބޭފުޅުން ވެސް ތިއްބަވާނެ އެވެ. ބެރު ދުންމާރި ތާޅަފިލި ވެރިންގެ ފައުޖު ވެސް އޭރޮ އޮންނާނީ ހާޒިރުވެފަ އެވެ.

ރަސްމީ އިއްޒަތުގައި ރަސްގެފާނު މިސްކިތަށް ވަޑައިގެން ހުކުރުގެ ރަސްމިއްޔާތު ނިމުމުން އެމަނިކުފާނު މިސްކިތުން ފައިބާ ވަޑައިގަންނަވާ ވަގުތު ސަފުތައް ހަދައިގެން މީސްތަކުން ސަލާން ކުރަން ތިބޭނެ އެވެ. މި ޚާއްސަ ވަގުތުކޮޅަށް ފަހު ރަސްގެފާނު އިއްޒަތްތެރިންނާއެކު ބެރު ދުންމާރި ތާޅާފިލީގެ ޕެރޭޑްގައި އެނބުރި ގަނޑުވަރަށް ވަޑައިގަންނަވާނެ އެވެ. އޭރު ގަނޑުވަރުގައި ރަސްގެފާނުގެ ފަރާއްޕުޅުން ބޮޑުންނާއި އާންމުންގެ ގިނަ ބަޔަކަށް ފެންވަރު މަތީ ޖާފަތް ތައްޔާރުކުރެވިފައި ވާނެ އެވެ.

ރަސްގެފާނު ގަނޑުވަރަށް ވަދެވަޑައި ގެންނެވުމުން އެތަނަށް ހާޒިރު ވާ އެންމެން އެ ޖާފަތަށް އިންސާފުކުރުމާއެކު ހުކުރު ދުވަހުގެ ރަސްމިއްޔާތުތައް ނިމުނީ އެވެ.