ބެއިޖިންގް (18 މާޗް) - ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް ރޭ ފަތިހު އައި 7.3 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން އެ ގައުމަށް ބޮޑެތި އުމްރާނީ ގެއްލުން ތަކެއް ލިބިއްޖެ އެވެ.
ބިންހެލުމާއެކު ގިނަ އިމާރާތް ތަކެއް ބިމާ ހަމަވެފައިވާއިރު، މުޅި އެ ސަރަހައްދުން ފެނާއި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހަމައެއާއެކު އެ ސަރަހައްދުގެ މަގުތައް ހަލާކުވެ ދަތުރު ފަތުރަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. އެގޮތުން ރޭލުގެ ދަތުރުތައް ހުއްޓަފައިވާއިރު ހިދުމަތް އަލުން ފެށޭނެ އިރެއް ބުނަން ނޭނގޭ ކަމަށް އިދާރާ ތަކުން ބުނެ އެވެ.
މީގެ އިތުރުން ވެސް ޖަޕާނުގައި ހިންގަމުން އަންނަ ގިނަ ކާރުހާނާ ތަކަށް މި ބިންހެލުމުގެ އަސަރުކޮށް ބައެއް ކާރުހާނާ ތަކުގެ އޮޕަރޭޝަން ވެސް ވަނީ ޖެހިފަ އެވެ. އޭގެ ތެރޭގައި ޓޮޔޯޓާ ފަދަ ކުންފުނިތައް ހިމެނެ އެވެ.
ޖަޕާނަށް އައި ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން އެ އިންޒާރު ވަނީ ކެންސަލް ކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް ހިސާބުތަކުގެ ކަނޑުގެ ލޮނުގަނޑު އުފުލުނު ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ.
މި ހާދިސާގައި މިހާތަނަށް ހަތަރު މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. – އަލް އަރަބިއްޔާ