ފާއިތުވި ހަތަރު ހަފްތާއެއްހާ ދުވަހު ބައިނަލްއަގްވާމީ މީޑިއާތަކުން ކެނޑިނޭޅި އިވެމުން ދިޔައީ އަދި މިހާރު ވެސް އިވެމުން ދަނީ ޔޫކްރެއިންގައި މިހާރު ހިނގަމުން ދާ ހަނގުރާމައިގެ ހަބަރުތަކެވެ.
ރަޝިއާއިން ޔޫކްރެއިންއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ވާހަކަ އެވެ. ކުރިމަތިލުންތަކުގައި އެތައް ބައެއްގެ ގެދޮރު ގެއްލި، ބިކަވި ވާހަކަ އެވެ. ހަނގުރާމައިގެ ސަބަބުން އިންސާނީ ހާލަތު ދަށްވެ، ކާރިސާއެއް ކުރިމަތިވެފައި އޮތް ވާހަކަ އެވެ.
އެއާ ވިދިގެން ދެން އިވިގެން ދިޔައީ ހާލުގައި ޖެހިފައި ތިބި ޔޫކްރެއިންގެ ރައްޔިތުންނަށް ޔޫރަޕްގެ ދޮރުތައް އޯގާތެރިކަމާއެކު ހުޅުވާލެވުނު ވާހަކަ އެވެ. ބައެއް ގައުމުތަކުން ތިން އަހަރުގެ ރަށްވެހިކަމާއި ބޯހިޔާވަހިކަމުގެ ސަބްސިޑީ މިފަދަ މީހުންނަށް ފޯރުކޮށްދޭ ވާހަކަ އެވެ. ބައިނަލްއަގްވާމީ އެމަޖެންސީ ރެސްޕޮންސް ޕްލޭންއެއް ޔޫރަޕްގެ ގައުމުތައް ގުޅިގެން އެކުލަވާލި ވާހަކަ އެވެ.
ޝައްކެއް ވެސް ނެތެވެ. މިއީ މިފަދަ ވަގުތެއްގައި ޔޫކްރެއިންގެ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމެވެ. އަމިއްލަ ވަޒަނުގައި ހަނގުރާމައެއް ހިނގާނަމަ ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާ ކޮންމެ މީހަކު ވެސް ބޭނުންވާނީ ޔޫރަޕުން މިހާލަތުގައި ދައްކަމުންދާ ނަމޫނާ މަރުހަބާ އެކެވެ.
ނަމަވެސް އުފެދޭ ސުވާލަކީ ޔޫކްރެއިންއާއި ސީރިއާގެ އިންސާނީ ހާލަތުގައި ހުރި ތަފާތަކީ ކޮބާތޯ ކުރެވޭ ސުވާލެވެ. ދެ ގައުމަކީ ވެސް ދާހިލީ ހަމަނުޖެހުންތަކާއި ބޭރު ބައެއްގެ ނުފޫޒުގެ ދަށުން ހަނގުރާމައެއް ހިނގަމުންދާ ދެ ގައުމަށްވީއިރު ޔޫކްރެއިންގެ ރެފިއުޖީންނަށް ޔޫރަޕުން ކިޔަމުންދާ ހޫނު މަރުހަބާ ސީރިއާގެ ރެފިއުޖީންނަށް ނުކިޔަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ.
ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު އަވަށްޓެރި ޕޮލެންޑުން ވަނީ އެގައުމަށް އެތެރެވާ ޔޫކްރެއިންގެ ރެފިއުޖީންނަށް ރަށްވެހިކަމާއި އެނޫން ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ އަތްފުޅާކޮށް އެބަޔަކަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް ސީރިއާގެ ރެފިއުޖީންނަށް ޕޮލެންޑުގެ ޖަވާބަކަށްވީ އެ ގައުމުގައި އިތުރަށް ޖާގަ ނެތް ވާހަކަ އެވެ.
ބަދަލުވީ ކޮން ކަމެއް ހެއްޔެވެ؟ ސީރިއާ ރެފިއުޖީންނަށް ދެވެން ނެތް ޖާގައެއް ކުއްލިއަކަށް ޔޫކްރެއިންގެ ރެފިއުޖީންނަށް ދެވުމަކީ އަޖާއިބެކެވެ. ސީރިއާގެ ރެފިއުޖީން އެގައުމަށް ނުވަންނަން ދިމާ ސީދަލަށް ބުނެފައިވާއިރު ޔޫކްރެއިން ރެފިއުޖީންނަށް އެގައުމުގެ ދޮރުތައް ހުޅުވާލަންވީ ސަބަބެއް ނޭނގުނެވެ.
ޕޮލެންޑް ނޫނަސް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ހާލަތަކީ މިއީ އެވެ. ޔޫކްރެއިންއާއި ސީރިއާ ރެފިއުޖީންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭކަން ދުވާލުގެ އިރު ފެންނަ ފަދައިން ސާފުކޮށް ފެންނަމުންދެ އެވެ.
ހުޅަނގުގެ މީޑިއާތަކުން އަންނަނީ ގައުމުތަކުގެ މި މަރުހަބާ ފާހަގަކޮށް ބާރަށް އަތް ޖަހަމުންނެވެ. އެގައުމުތަކުން ދައްކަމުންދާ އިންސާނީވަންތަ ކަމުގެ މިސާލަށް ތައުރީފުގެ ބަސްތަކުގެ ސާލެއް ދަމަމުންނެވެ. ވާނީވެސް އެހެންތާ އެވެ. ޔޫކްރެއިންގައި އޮތީ އިންސާނީ ބޮޑު ކާރިސާ އެކެވެ.
ނަމަވެސް ހަމަ މި މީޑިއާތައް ސީރިއާގެ ހަބަރުތައް ގެނެސްދިނުމުގައި އޮތީ ކަނު ބަނދެވިފަ އެވެ. ސީރިއާގެ ރައްޔިތުންގެ އިންސާނީ ހާލަތާއި އެ ރައްޔިތުން ބިކަވެފައިވާ މިންވަރު ފެންނަ ވަރުގެ ކެމެރާއެއް އެ މީޑިއާތަކުގައި ނެތީ ކަމަށް ވެދާނެ އެވެ.
މީޑިއާތަކުގެ ވާހަކަ ދައްކާއިރު ބައެއް މީޑިއާތަކުން ވަނީ ޔޫކްރެއިންގައި ހަނގުރާމައެއް ހިނގުމަކީ ސީރިއާ ނުވަތަ އަފްޣާނިސްތާނު އޮތް ފަދަ ދަށު ދަރަޖައަކަށް ވެއްޓުން ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަ ދައްކާފަ އެވެ. އަފްޣާނިސްތާނާއި ސީރިއާގައި ހިނގާ ހަނގުރާމައަކީ އާދައިގެ ކަމެއްގެ ގޮތުގައި އެ މީޑިއާތަކުން ވަނީ ސިފަކޮށްފަ އެވެ.
ތަފާތަކީ ހަމުގެ ކުލަ ހެއްޔެވެ؟ ނޫނީ ތައުލީމާއި ތަހުޒީބު ހެއްޔެވެ؟ ޔޫކްރެއިންގެ ރެފިއުޖީންނެކޭ އެއްފަދައިން ސީރިއާ، ޔަމަން އަދި އަފްޣާނިސްތާނުގެ ރެފިއުޖީންނަކީ ވެސް އިންސާނުންނެވެ. ހަމަ އެއްވެސް މީހަކު ރުހުމުގައި ރެފިއުޖީއަކަށް ނުވާނެކަން ޔަގީނެވެ. ކަން މިހެން އޮތްއިރު ހުޅަނގުގެ މި ސިޔާސަތުގައި ތަފާތު ކުރުންތައް ގެންގުޅެންވީ ސަބަބެއް ނުވިސްނުނެވެ.
ރަޝިއާއިން ޔޫކްރެއިންއަށް ދެމުންދާ ލާއިންސާނީ ހަމަލާ ތަކުގެ ވާހަކަތައް ދައްކާއިރު އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގަމުން އަންނަ ޖަރީމާތަކަކީ ވެސް ނުދައްކާ ނޫކޮށް ނުލެވޭނެ ވާހަކަ އެކެވެ. ރަޝިއާގެ އަމަލުތައް އަޑުން އަޑުނަގާ ކުށްވެރި ކުރާއިރު އެމެރިކާގެ އަމަލުތަކަށް ޗުއްޕު ވެސް ބުނާނެ ގައުމެއް ހުޅަނގުގައި ނެތެވެ.
އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ދަށުން އަފްޣާނިސްތާނުގައި ތިބި އެގައުމުގެ ސިފައިން ބޭލިއިރު ކުރިމަތިވެދާނެ އިންސާނީ ކާރިސާއަކަށް ވިސްނައި ހުޅަނގުން އެކަމަށް ދެކޮޅު ނުހެދި ސަބަބާމެދު ވެސް ސުވާލު އުފެދެ އެވެ. އެ ފިޔަވަޅާއެކު އަފްޣާނިސްތާނުގެ އިންސާނީ ހާލަތު ދަށަށް ދިޔައިރު އެކަމާ އަޑު އުފުލާނެ ގައުމެއް ވެސް ނުވި އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު ބުނެވެން އޮތީ ހުޅަނގުގެ ރަހުމާއި ކުލުނު ލިބެން އޮތީ ހަމުގެ ކުލަ އަލިވެގެން ކަމެވެ. ހުޅަނގުގެ އިންސާނީ ނަސްލަށް ނިސްބަތްވަނީ އެގައުމުތަކުގެ ތަހުޒީބާއި ތަހައްޒުބުގެ ފެންވަރަށް ފެތިގެން ކަމެވެ. ނޫން ނަމަ ހުޅަނގުގައި ތިބާގެ ފެންވަރަކީ ބޭނުން ނުކޮށް އެއްލާލާ ޓިޝޫ ކޮޅެއްގެ ދަރަޖަ އެވެ. އެހާވެސް ދަށު ދަރަޖަ އެވެ.
ކޮންމެ އަކަސް ޔޫކްރެއިން ހަނގުރާމައާއި ސީރިއާ ހަނގުރާމައިގައި އެމެރިކާއާއި ހުޅަނގުން ގެންގުޅޭ ސިޔާސަތު ތަކަކީ ދެފުށް ދެގޮތް ސިޔާސަތު ތަކެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެއީ ވަކި ބަޔަކަށް ހާއްސަވާ ވަކި އިންތަކެއް ހިމެނޭ ސިޔާސަތު ތަކެކެވެ.
މިލިއުމަކީ އެއްކޮޅަށް ބުރަވެފައިއޮތް ލިޔުމެއް. ޔުކްރެއިންގައި ތިބީ ޔޫރަޕްގެ ތަހުޒީބު ދޮންނަސްލުގެ މީހުން. ދޮންމީހުން ދޮންމީހުންނަށް އެހީވުމަކީ އެމީހުންގެ މައްޗައް ވާޖިބެއް. ދަރިއަކާއި ދޮން ދަރިއަކާއި ތަފާތުވާނެ. އަރަބި ނާތަހުޒީބު ގައުމުތަކުގެ މީހުންނަށް އެހީވާކަށް ޔޫރަޕަކަށް ނުޖެހޭނެ. ސީރިއާ އާއި އަފްގާނިސްތާން ޔަމަން އަދި އިރާގައް އެހީވާން އެތިބީ އެމީހުންނާއި އެއް ދީނެއްގައި އަދި އެއް ނަސްލެއްގައި ތިބި ސައުދި އަރަބިއާ އާއި މިސްރު އަދި އެނޫންވެސް ގަލްފުގެ މުއްސަނދި އަރަބި ގައުމުތައް.
އެމެރިކާ އަދި ހުޅަނގުގެ ހަގީގަތް ވަރަށް ރީތިކޮށް ކިޔައިދީފަ. މޮޅު ލިޔުމެއް
ބަރާބަރު ލިޔުމެއް. ލިޔުންތެރިޔާއަށް ހަަމަ ސާބަސް!