ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ކުރާ ހަ ދައުވާގެ މިއަދަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލީ، ރިޝްވަތަށް އެދުމުގެ ދެދައުވާއަކާއި ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން، މަނީ ލޯންޑްރިންގެ ދައުވާއެކެވެ. އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެނަމަ 36 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުން މި ދައުވާތަކުގެ ޝަރީއަތް ބޭއްވުމަށް ތާވަލްކުރީ މިއަދު ހެނދުނުގެ 9 ގަ އެވެ. އެހެންނަމަވެސް އެ އަޑުއެހުން ވަނީ ކޯޓުން ކެންސަލްކޮށްފަ އެވެ. ނަމަވެސް އޭނާގެ ޝަރީއަތް ކެންސަލްކުރި ސަބަބު ހާމަވެފައެއް ނުވެ އެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ނިހާންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ހެކިން ހާޒިރުކުރުމަށް ހުށަހަޅާފައިވެ އެވެ. އެގޮތުން އޭގެ ތެރޭގައި މިދިޔަ މަޖިލީހުގައި މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައިވެ އެވެ.

މަޖިލިސް މެމަބަރުންގެ ތެރޭގައި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި، މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން ވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ނިހާންގެ މައްޗަށް އެ ދައުވާތައް ކުރަނީ، އޭނާ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ނައިބު ރައީސް ކަމަށްވާ އަހުމަދު އަދީބު މެދުވެރިކޮށް، ގިނަ އަދަދެއްގެ ފައިސާ ނެންގެވިކަމަށް ތުހުމަތުކޮށްގެންނެވެ. އަދި މީގެ ތެރޭގަައި އޭނާ ހޯދިކަމަށް ބުނާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އެ މައްސަލައިގައި ދައުލަތުން އެދިފައިވެ އެވެ.

ނަމަވެސް ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.