މަނީލޯންޑާ ކުރާކަމުގެ ތުހުމަތުގައި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ފޮރެކްސް ހިންގާ "ޕޮންޒީ" ސްކީމްގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ރަސްމީކޮށް ހުށަހަޅައިފި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން، ކިންގްސް ފޮރެކްސްގެ ނަމުގައި އެ ސްކީމްގައި ހިންގަނީ ކިންގްސް ކެޕިޓަލް ހޮލްޑިން ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން އިސްވެ ހުންނަވައި ހިންގާ ކިންގްސް ފޮރެކްސް "އިންވެސްޓްމަންޓް ސްކީމް" ގެ އެކައުންޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ ހަފުތާގައި ވަނީ ފްރީޒްކޮށްފަ އެވެ. އެ ކައުންޓް ފްރީޒްކޮށްފައި ވަނީ ފްރޯޑް ސްކީމެއް ހިންގާ ކަމަށް ތުހުމަތުކޮށެވެ.

ފްރޯޑް ސްކީމެއް ހިންގާތީ ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށް އަދި މިފަދަ ސްކީމްތަކާމެދު ފިޔަވަޅު އެޅުމަށް ބޭންކުތަކުން އެދިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްހާނުގެ ސްކީމުގެ މައްސަލަ އެފްއައިޔޫއިން މި މައްސަލަ ބެލުމަށް ފަހު އިއްޔެ ފުލުހަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން މީގެ ކުރިން ބަޔާނެއް ނެރުން ފިޔަވައި ވަކި އެއްޗެއް އެމްއެމްއޭއިން ހާމަކޮށްފައިނުވެ އެވެ.

އެފްއައިޔޫއިން މައްސަލަ ހުށަހެޅުމުން ފުލުހުން މިހާތަނަށް އެ މައްސަލަ ބަލަން ފަށާފައިވޭތޯ މިއަދު ކުރި ސުވާލަށް ފުލުހުން އަދި ވަކި ޖަވާބެއް ނުދެ އެވެ.