މަނީލޯންޑާ ކުރާކަމުގެ ތުހުމަތުގައި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ފޮރެކްސް ހިންގާ "ޕޮންޒީ" ސްކީމްގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ރަސްމީކޮށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ މައްސަލައިގެ ޖިނާޢީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ބެލި ބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި ސްކީމްތަކުގައި އިންވެސްޓްކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓް ނުކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ. އެހެން ނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެތީ، މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރެ އެވެ.

ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު، އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކީމްތަކާމެދު ސަމާލުވުމަށް އެމްއެމްއޭ އިން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ފްރޯޑް ސްކީމެއް ހިންގާތީ ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށް އަދި މިފަދަ ސްކީމްތަކާމެދު ފިޔަވަޅު އެޅުމަށް ބޭންކުތަކުން އެދިފައިވެ އެވެ.