ކާބުލް (23 މާޗް) - އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލުތައް ބަންދު ކުުރުމަށް ތާލިބާނުން އަނެއްކާ ވެސް އަންގައިފި އެވެ.

ތާލިބާނުން ވެރިކަމަށް އައި ފަހުން ފުރަތަމަ ފަހަރަށް މިއަދު އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލްތައް ހުޅުވިތާ މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ތާލިބާނުން ވަނީ ސްކޫލްތައް ބަންދުކުރުމަށް އެ ސްކޫލްތަކުގެ ވެރިންނަށް އަންގާފަ އެވެ.

އެއާއެކު ބައެއް ސްކޫލްތަކުގެ މުދައްރިސުން ކުދިންނަށް އަނބުރާ ގެއަށް ދިނުމަށް އިރުޝާދު ދިން މަންޒަރު އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

"އެއީ ތެދެއް" ސްކޫލުތައް ބަންދު ކުރަން އެންގި އެންގުމަކީ ހަގީގަތެއްތޯ ސުވާލު ކުރެވެމުން ތާލިބާނުންގެ ތަރުޖަމާނު އިނާމުއްލާ ސަމަންގަނީ ބުންޏެވެ.

މި ނިންމުމަކީ އަންހެނުންނަށާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ތާލިބާނުން ކޮށްފައިވާ ވައުދާ ފުށުއަރާ ނިންމުމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައީ އަންހެނުންނަށް އިހުނަށްވުރެ ބޮޑު މިނިވަން ކަމާއި ލުއިތައް ދޭނެ ކަމަށް ބުނަމުންނެވެ.

ނަމަވެސް މިހާތަނަށް އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި އެ ޖަމާއަތުން މާބޮޑު ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ