ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެކި މީހުން މަސައްކަތް ކުރަނީ އެކި ގޮތަށެވެ. ދުވެ ކަސްރަތުކުރުމާއި އެކި ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން "ޑައިޓް" ގައި އުޅޭ މީހުން ދިވެހިންގެ ތެރޭގައި ވެސް މަދެއް ނޫނެވެ.

މިގޮތުން ރާއްޖެއިން ވެސް ލިބެން ހުންނަ ޗިއާ ސީޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. ޗިއާ ސީޑްސްއަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ކެއުމަށް ރަނގަޅު އޮށެކެވެ.

އެގޮތުން ކޮންމެ ދުވަހަކު ޗިއާ ސީޑް ކާނަމަ ހަށިގަނޑަށް 18 ޕަސެންޓް ކެލްސިއަމްއާއި 27 ޕަސެންޓް ފޮސްފޮރަސް، 30 ޕަސެންޓް މެންގަނީޒް އަދި ޕޮޓޭސިއަމް އާއި ކޮޕާ ލިއްބައިދެ އެވެ.

ޗިއާ ސީޑްސް ކެއުމުން ހަށިގަނޑުގެ ބަރުދަން ލުއިވަނީ އޭގައި ގިނަ އަދަދަކަށް ފައިބާ ހިމެނޭތީ ކަމަށް ފަހުގެ ދިރާސާތަކުން ދައްކަ އެވެ.

ޗިއާ ސީޑް ބޭނުންކުރާނެ ގޮތް

އެންމެ ފުރަތަމަ އެއް ސައިސަމުސާ ޗިއާ ސީޑް ކޮޅެއް ކުޑަ ފެންކޮޅަކަށް އެޅުމަށްފަހު އެއް ގަޑިއިރު ވަންދެން ބަހައްޓާށެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިންނާއި ހެނދުނު ހޭލުމަށްފަހު ހުސްބަނޑާ ހުރެ ޗިއާ ސީޑް އަޅާފައިހުރި ފެންފޮދު ބޯލާށެވެ.

ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ދިވެހިން ތަފާތު އެތަކެއް ބާވަތްތަކެއް ބޭނުން ކުރާއިރު ޗިއާ ސީޑްއަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ކޮންމެ މީހަކަށް ވެސް އެކަށީގެންވާނެ އެއް ބާވަތެވެ.