އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހަށް ހުށައަޅާ މައްސަލަތައް އެމްޑީޕީން ބޭރުކުރާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަންބޮޑު ވެއްޖެ އެވެ.

އީވާ ކަންބޮޑުވުން ފާޅުކުރެއްވީ ލ. ގަން ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅި މައްސަލައަށް ބަލައިގަންނަން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހެއްދެވުމުން ނެވެ.

އީވާ ވިދާޅުވީ މަޖިލީހަށް އިދިކޮޅުން ހުށައަޅާ މައްސަލަތަކަށް "މައްސަލައެކޭ" ބުނެ ސަރުކާރާ ޖައްސާލަނީ ކަމަށް ދެކޭނަމަ 2023 ވަރަށް އުނދަގޫވާނެ ކަމަށެވެ.

އެ މައްސަލަ ބަލައި ނުގަތުމަށް 11 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. ނަމަވެސް 23 މެމްބަރުންގެ ތާއީދާއެކު އެ މައްސަލައަށް ބަހުސް ކުރަން ފާސްވި އެވެ.

އީވާ ވިދާޅުވީ ސައީދު ހުށަހެޅުއްވި މައްސަލައިގެ އިބާރާތުގައި ވެސް މައްސަލައެއް ނެތް ކަަމަށާއި އަދި ސަރުކާރުން ގަސްދުގައި އެ ހޮސްޕިޓަލަށް އިހުމާލުވަމުންދާ ކަމަށް ދޭހަވާ ފަދަ އިބާރާތެއް ވެސް ނެތް ކަމަށެވެ.

"ސްކޭން ޑޮކްޓަރެއް ނެތްތާ ތިން މަސްދުވަހޭ، އީއެންޓީއެއް ނެތޭ، ސްކޭންކޮށްލަން މާބަނޑު މީހާވެސް މި ޖެހެނީ މާލެއަށް ދާށޭ! މިއީ ތިން އަތޮޅަކަށް ހިދުމަތް ކުރާ ގާތްގަނޑަކަށް 35،000 އެއްހާ އާބާދީއަކަަށް ހިދުމަތް ކުރާ ހޮސްޕިޓަލެއްގެ ވާހަކަ ދާއިރާއަށް ނިސްބަތްވާ މެމްބަރު މަޖިލީހަށް ހުށަހެޅީމަ އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ހިންގާ ޕާޓީގެ ގޮތުން ވެސް އަދި މެޖޯރިޓީ އޮތް މީހުންގެ ގޮތުން ވެސް އަދި މަޖިލީހުގެ މެމްބަރުންގެ ގޮތުން ވެސް އަޅުގަނޑުމެންގެ އަހުލާގީ ޒިންމާއަކީ އެ މައްސަލަ ކޮމިޓީއަށް ގެންގޮސްގެން ބަލައިދިނުމޭ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމައްސަލާގައި ސަރުކާރާއި އިދިކޮޅު ކަމެއް އޮތްކަމެއް ފާހަގަ ނުވާ ކަމަށެވެ. އަދި މިއީ ރައްޔިތުންނާއި ގުޅުން އޮތް މައްސަލައެއް ކަމަށްވުމުން މިމައްސަލަ މަޖިލީހުގައި ބަހުސް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސައީދު މިމައްސަލަ ހުށަހެޅި ނަމަވެސް މީގައި ފާގަހަކޮށްފައިވާ ކަންބޮޑުވުންތައް ހައްލު ނުވާހާ ހިނދަކު މިވާހަކަ ރައްޔިތުން ދައްކާނެ ކަމަށެވެ.

މެމްބަރު ސައީދު ހުށައެޅި މައްސަލައަކީ ލ.މާވަށް، ކުނަހަންދޫ، ހިތަދޫއާއި ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން ގެންދާ ގަމު ރީޖަނަލް ހޮސްޕިޓަލުން ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާ ހުށައެޅި މައްސަލަ އެކެވެ.