މިއަހަރުގެ ރަމަޟާން މަސް އައިސް ބޯމަތިވެފައިވާއިރު އަހަރެމެންގެ ތައްޔާރީތައް ވަނީ މެކުހަށް ޖަހާފަ އެވެ. ގަނޑުކޮށް ކާބޯތަކެތި ގެއަށް ވެއްދުމާއި ހިފާގެންގުޅޭ ސާމާނު ބާޒާރު ކުރުމުގެ އިތުރުން ގޭތެރޭގެ ފަރުނީޗަރު އާކޮށް ރޯދައަށް ނަލަ ކޮށްލުމަކީ މިހާރު ހަމަ ކޮންމެ ގެއަކުން ވެސް ފެންނަ މަންޒަރެކެވެ.
އެހެން ނަމަވެސް މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ރޯދައަށް ތައްޔާރުވުން ދިވެހިންގެ ތެރޭގައި އޮތީ ވަރަށް ތަފާތު ކޮށެވެ. އަގުބޮޑު ހަރަދުތައް ނުކުރި ނަމަވެސް އިހު ދިވެހިން ރޯދަ މަހަށް މަރުހަބާ ކިޔައި އުޅުނީ ވަރަށް ފޯރިއާއި ޖޯޝުގަ އެވެ. ރޯދައަށް ތައްޔާރުވުމުގެ ސަގާފަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ނަމަވެސް އޭރު އާއްމުކޮށް ކޮށް އުޅުނު ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކީ ރޯދައަށް ހިނައިގަތުމެވެ. ޝައުބާން މަހުގެ ހަނދު ބެލުމާއެކު ރޯދައަށް ތައްޔާރު ވުމުގެ ގޮތުން ހިނައިގަތުމޭ ބުނެ އުޅެނީ ފާއިތުވެ ދިޔަ އަހަރުގެ ކުދި އަދި ބޮޑެތި ފާފަތަކުން ތައުބާވެ މީހާގެ ނަފްސު ތާހިރު ކުރުމަށެވެ. އަދި ރޫހާނީ ގޮތުން ތާހިރުކަން ލިބިގަތުމަށެވެ. މިއީ ދީނީ ގޮތުން ވާޖިބު ހިނައިގަތުމަކަށް ނުވި ނަމަވެސް ދިވެހި އާދަކާދައިގެ މަތިން އިހު ޒަމާނުގައި ކޮށް އުޅުނު ކަމެކެވެ.
ދެން އޮތީ ރޯދައިގެ މާހެފުމެވެ. ދިވެހި ކެއުންތައް ހިމަނައިގެން ރަށު ފެންވަރުގައި ނުވަތަ އާއިލީ ފެންވަރުގައި ބާއްވާ މި ކެއުމަކީ މިއަދާ ހަމައަށް ދެމިއޮތް އިހުޒަމާނުގެ ސަގާފަތޭ ދެންނެވިދާނެ އެވެ. އެހެން ނަމަވެސް މިކަމުގައި ވެސް އެހާރާއި މިހާރުގެ ތަފާތު ވަރަށް ބޮޑެވެ. އިހުޒަމާނުގެ މާހެފުންތަކުގައި އަވެއްޔާއި މާފުށް ފަދަ ކެއުންތައް ފެނުނު ނަމަވެސް މިހާރުގެ މާހެފުންތަކުގައި ޒަމާނީ ކުލަތައް ގިނަ އެވެ.
ހަމައެއާއެކު ރޯދައަށް ހާއްސަ ކޮށްގެން ގޯތި ތެރެއަށް އަކިރި ލުމަކީ ވެސް އިހުޒަމާނުގެ ސަގާފަތެކެވެ. ގޭގެ ފިރިހެންވެރިން ފަރަށް ގޮސް އަކިރި ބަސްތާ ހިފައިގެން އައުމުން އަކިރި ފެތުރުމުގައި އާއިލާގެ އެންމެން ޝާމިލުވެ އެވެ. މިއީ ރޯދަމަހަށް ގޭތެރޭގެ މަލަމަތި ރީތިކޮށް އާކޮށްލުމުގެ ގޮތުން ހަމަ ކޮންމެ އަހަރަކު ވެސް ދިވެހިން ކުރަމުން އައި ކަމެކެވެ.
ރޯދަމަހަށް ވެވޭ ތައްޔާރީތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ތައްޔާރީތަކަކީ އަންހެން ވެރިންގެ ތައްޔާރީ ތަކެވެ. ބަދިގެއަށް ބޭނުންވާ ދަރު އެއްކުރަން ވަލަށް ނުވަތަ ކައިރި ފަޅު ރަށްރަށަށް ފިރިހެންވެރިންނާއެކު ދިއުމަކީ އޭރުގެ ދިވެހި އަންހެނުންގެ އާދެ އެކެވެ. ހަމައެއާއެކު ހަވާދު ފުނޑުމާއި ތަފާތު ވައްތަރު ތަކުގެ އަތުޖެހި ކާބޯތަކެތި ހެދުމަކީ ރޯދައިގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އަހަރުތަކާއެކު ދިވެހިންގެ ތެރޭގައި ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ކުރެވެމުން އައި ކަންތައްތައް ދިޔައީ ބަދަލުވަމުންނެވެ. ގޯތި ތެރެއަށް އަކިރި ލުމުގެ ބަދަލުގައި ފާރުތަކުގައި ކުލަލައި އަދި ހަވާދު ފުނޑުމުގެ ބަދަލުގައި ގެއަށް ގަނޑުކޮށް ކާބޯތަކެތި ވެއްދިޔަސް ރޯދައަށް ތައްޔާރު ވުމުގެ ރޫހު އޮތީ ހަމަ އެގޮތުގަ އެވެ.
ރަމަޟާން މަހަށް ތައްޔާރުވުން އެކި ގޮތްގޮތަށް ކުރިއަށް ގެންދެވޭއިރު ތިޔަ ބޭފުޅުންގެ ރަށުގައި ރޯދައަށް ތައްޔާރުވުމުގެ ގޮތުން އޮތް ސަގާފަތެއް އަޅުގަނޑުމެންނާ ހިއްސާ ކޮށްލައްވާށެވެ.