ކާބުލް (30 މާޗް) - ކީރިތި ރަސޫލާގެ ސުންނަތަށް އަމަލު ނުކުރާ ފިރިހެނުން އަފްޣާނިސްތާނުގެ ސަރުކާރު ވަޒީފާތަކުން ވަކި ކުރަން އެ ގައުމުގައި ވެރިކަންކުރާ ތާލިބާނުން ނިންމައިފި އެވެ.

އެގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް މޯރަލިޓީއިން ނެރުނު ބަޔާނެއްގައި ވާގޮތުން ތުނބުޅި ދިގު ނުކޮށް ބާލާފައި ހުންނަ ފިރިހެނުންނަށް ދެން އެގައުމުގެ ސަރުކާރު އޮފީސްތަކަކަށް ނުވަދެވޭނެ އެވެ.

އެގޮތުން މިވަގުތު ވަޒީފާތަކުގައި އުޅެމުންދާ މުވައްޒަފުންގެ ޝަރުތު ފުރިހަމަ ނުވާނަމަ އެކަން ރަނގަޅު ކުރުމަށް ވަކި މުހުލަތެއްދީ އެއަށްފަހު ވެސް އެޝަރުތުތައް ހަމަ ނުވާނަމަ ވަޒީފާއިން ކަނޑާލެވޭނެ ކަމަށް މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ.

ތުނބުޅި ބެހެއްޓުމުގެ އިތުރުން ވެސް ގަޔަށް ދޫ ކުރުތާލުމާއި ބޮލުގައި ފޮށާ އެޅުން މި އާ ގަވާއިދުތަކުގެ ދަށުން އަފްޣާނިސްތާނުގެ ފިރިހެނުންނަށް މަޖުބޫރު ކުރެ އެވެ. މިފަދައިން އަމަލު ނުކުރާނަަމަ އެމީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ތާލިބާނުން ބުނެފައިވެ އެވެ.

ތާލިބާނުން އިތުރަށް ބުނީ މީގެ ކުރިން އެގައުމުގައި އޮތް ހުޅަނގުގެ ސަގާފަތްތައް ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެ ގައުމުގައި އޮންނަން ވާނީ ސައްތައިން ސައްތަ އިސްލާމީ ޝަރީއަތެއް ކަމަށެވެ.

މިއާއެކު ތާލިބާނުން ވަނީ ބޯކޮށާ ތަންތަނަށް އަންނަ ކަސްޓަމަރުންގެ ތުނބުޅި ބޭލުން މަނާކޮށް އެކަން އެތަންތަނަށް އަންގާފަ އެވެ.

ތާލިބާނުން އަންހެން ކުދިންގެ ކިޔެވުން މިދިޔަ ހަފްތާގައި ހުއްޓުވާފައިވާއިރު ބައިނަލްއަގްވާމީ މުޖްތަމައުން އަންނަނީ އެ ޖަމާއަތުން ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެޖަމާއަތުގެ ވެރިކަން ބަލައިގަތުމަށް ދެކޮޅު ހަދަމުންނެވެ. -- އަލް އަރަބިއްޔާ