ބަރުދަން ލުއި ކުރާ ވާހަކަ ދައްކާއިރު ކޮންމެ މީހަކު ވެސް ލަފާ ދެނީ ކެއުން މަދު ކުރުމަށެވެ. ނަމަވެސް ގިނައިން ކައި ކައި ހުންނަ މީހަކު ކުއްލިއަކަށް ކެއުން މަދުކޮށްލާއިރަށް ހަށިގަނޑަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެކަން ސިކުނޑިއަށް ގަބޫލު ކުރެވެ އެވެ.

ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު ހަ އިރު ކައިގެން ވެސް ބަރުދަން ލުއިކޮށްލެވިދާނެ އެވެ.

ކެއުމަށް ދެވިހިފައި ފަލަވެފައި ތިބި 47 މީހުން ބޭނުންކޮށްގެން ވަނީ ދިރާސާއެއް ހަދާފަ އެވެ. އެ މީހުންނަކީ ޕްރީ ޑައިބެޓިސް ނުވަތަ ޓައިޕް ޓޫ ޑައިބެޓިސް ހުންނަ މީހުންނެވެ. އެ ދިރާސާގައި ވަނީ އެ މީހުން ދެ ގުރޫޕަކަށް ބަހައި ހަ މަސް ދުވަސް ވަންދެން އެއް ގުރޫޕު މީހުން ދުވާލަކު ހަ އިރު އަދި އަނެއް ގްރޫޕް މީހުންނަށް ދުވާލަކު ތިން އިރު ކާން ދީފަ އެވެ. އަދި ހަ މަސް ދުވަހަށްފަހު ކެއުމުގެ މިންގަނޑު ދެ ގްރޫޕްގެ މެދުގައިވަނީ ބަދަލުކޮށްފަ އެވެ.

އެ ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދުވާލަކު ހަ އިރު ކައިގެން ތިބޭ މީހުންގެ ލޭގައި ގުލްކޯޒް އަދި ހަކުރު އެންމެ އެކަށީގެންވާ މިންވަރަކަށް ހުރެ އެވެ. އަދި ދުވާލަކު ތިން އިރު ކައިގެން ތިބޭ މީހުންނަށް ޓައިޕް ޓޫ ޑައިބެޓިސް ޖެހުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން އެމީހުންގެ ބަރުދަން ލުއިކޮށް އެކަށީގެންވާ މިންވަރެއްގައި ހިފެެހެއްޓުމަށްވެސް އެހީތެރިވެދެ އެވެ. އެ ދިރާސާގައި ހުރިހާ އެންމެނަށްވެސް ކާންދީފައިވަނީ ނިއުޓްރިޝަން އެއް މިންވަރަކަށް ހުންނަ ކާނާ އެވެ.

އެ ދިރާސާ ހެދުމުގައި ބައިވެރިވި ސިއްހީ މާހިރުން ލަފާދެނީ ބަރުދަން ލުއިކުރަން ވިޔަސް ކެއުމުގެ ވައްޓަފާޅި ބަދަލުކުރާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަށެވެ.