ސިޔާސި މުވައްޒަފުން ގިނަ އަދަދަކަށް މަސައްކަތްކުރާ، މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އަންނަ އަހަރަށް 32.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ފޮރިން މިނިސްޓްރީގެ ދަށުން ރާއްޖެއިން ބޭރުގައި ހުންނަ ހައިކޮމިޝަންތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ މެލޭޝިއާގައި ހުންނަ ހައިކޮމިޝަނަށެވެ.

އެ ހައިކޮމިޝަނަށް މިއަހަރަށް ކަނޑައަޅާފައި ވަނީ 27.3 މިލިއަން ރުފިޔާ އެވެ.

އެ ކޮމިޝަންގެ ބަޖެޓް ތަފުސީލްގައިވާ ގޮތުން މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 3.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މުވައްޒަފުންނަށް ދޭ އެލަވަންސްގެ ގޮތުގައި 25.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެގޮތުން ލިވިން އެލަވަންސާއި ފެމެލީ އެލަވަންސްގެ ގޮތުގައި 16,5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. 2020 އަހަރުގެ ބަޖެޓްގައި ލިވިން އާއި ފެމެލީ އެލަވަންސްގެ ގޮތުގައި ހިމަނާފައި ވަނީ 11.2 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މުވައްޒަފުންނަށް މަގާމުގެ ގޮތުން ދެވޭ ހާއްސަ އެލަވަންސްގެ ގޮތުގައި 1.8 މިލިއަން ރުފިޔާ އާއި އެހެނިހެން ގޮތް ގޮތުން މުވައްޒަފުންނަށް ދޭ ފައިސާގެ ގޮތުގައި 5.3 މިލިއަން ރުފިޔާ، ރޯދަމަހު އިނާޔަތުގެ ގޮތުގައި 54،000ރ. ހިމެނެ އެވެ.

މެލޭޝިއާގައި ހުންނަ ހައިކޮމިޝަންގައި 17 ސިޔާސީ މުވައްޒަފުން މަސައްކަތްކުރެ އެވެ. ހައިކޮމިޝަނަރަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު ވިސާމް އަލީ އެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މަސައްކަތްކުރައްވާ ބައެއް ސިޔާސީ ބޭފުޅުން އެ ގައުމުގެ އިސްވެރިންތަކަކާ ބައްދަލުކުރައްވަނީ. ފޮޓޯ: މެލޭޝިއާ ހައިކޮމް

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލީ ފަރާތްތައް މަސައްކަތް ކުރައްވާ އެ ހައިކޮމިޝަންގެ ބައެއް މުވައްޒަފުންނަކީ އެއްވެސް ކަހަލަ ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި މެލޭޝިޔާގައި އަމިއްލަ ބޭނުންތަކަށް އެ ގައުމުގައި ދިރިއުޅޭ މީހުންނެވެ.

މެލޭޝިޔާ ހައިކޮމިޝަން ފިޔަވައި ދެވަނައަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ސްރީލަންކާގައި ހުންނަ ހައިކޮމިޝަނަށެވެ. އެ ހައިކޮމިޝަނަށް 29،6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ އެމްބަސީގައި ވެސް 12 ސިޔާސީ މުވައްޒަފުންތިބެ އެވެ.