މާހެފުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރޯދަ މަސް ފެށުމުގެ އެއްދުވަސް ކުރިން ބާއްވާ ޚާއްސަ ހަރަކާތަކަށް ކިޔާ ނަމެކެވެ. އާންމު ގޮތެއްގައި މިކަމުގައި އޮންނަނީ މޮޑެފައި ހުންނަ ކޮންމެ ވެސް ބާވަތެއްގެ ކެއުމަކަށް އިންސާފުކުރުން ކަމަށް ބެލެ ވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި އެންމެ ވަކިން އެކަހެރިކޮށް އޮންނަ އެއް ރަށް، ފުވައްމުލަކުގައި މާހެފުން ފާހަގަކޮށް އުޅެނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ރަށު މީހުން މާހެފުން ހަފަނީކީ ނޫނެވެ. "މާހިފުން" ދުއްވަނީ އެވެ.

އެންމެ ފުރަތަމަ ވެސް މި ލިޔުމުގައި މާހިފުން، މި ގޮތަށް ލިޔެފައި އޮތުމުން މިބަހާ މެދު ބަހުސްކުރާނެ މީހުން ފުވައްމުލަކުގައި މަދެއް ނުވާނެކަން އެނގެ އެވެ. ސަބަބަކީ އެ ރަށުގައި އެވޭލާ ޒަމާނުގައި އެކި ރަށް ރަށުގެ ގޮތުގައި ބެލެވެމުން އައި އަވަށްތަކުގެ މެދުގައި ވާހަކަ ދެއްކުމުގައި ބަހުރުވަ ބޭނުންކޮށް އުޅުމުގެ ފުދޭވަރެއްގެ ބޮޑެތި ތަފާތުތަކެއް ހުރުމެވެ. މާބޮޑަށް އެހެން އަވަށް އަވަށުގެ މީހުންނާ މަސްހުނި ނުވެ އުޅޭ ބައެއް މީހުންނަށް ބައެއް ބަސް ބަސް އެހެން ހިސާބުތަކުގެ މީހުން ކިޔާގޮތް އަޑު އިވުމުން އެ ކިޔަނީ ރަނގަޅަށް ނޫން ކަމަށް ހީވާ ފަހަރު އާދެ އެވެ. މާހިފުމަކީ ވެސް އެފަދަ އެއް ބަހެވެ. އެއްބަޔަކު މާހިފުން ކިޔާ އިރު އަނެއް ބަޔަކަށް އެއީ މާހިބުން އެވެ. އަކުރެއްގެ ތަފާތު ހުރިކަމުގައި ވިޔަސް މާހިފުން ދުއްވުމަކީ ފުވައްމުލަކުގައި ޒަމާނުއްސުރެ ކުދި ބޮޑު އެންމެން ފާހަގަ ކުރަމުން އަންނަ ބޮޑު އީދެއް ފަދަ މުނާސަބަތެކެވެ.

މާހިފުން ދުވަސް (މާހިފުންގެ ދުވަހަ)

މާހިފުންގެ ދުވަހަކީ ޝައުބާން މަހުގެ އޮނަތިރީސް ވަނަ ދުވަހެވެ. ރޯދައަށް ތައްޔާރުވުމުގެ ފަހު ދުވަހެވެ. އެ ދުވަހަކީ ރާއްޖޭގެ އެހެން ރަށްރަށެކޭ ވެސް އެއްފަދައިން ފުވައްމުލަކުގައި ވެސް ވަރަށް ޚާއްސަ ތައްޔާރީތަކެއްވާ ދުވަހެކެވެ.

ރޯދައަށް ގެދޮރު ޒީނަތްތެރިކުރުމުގެ ފަހު ދުވަހަކީ ވެސް އެ ދުވަހެވެ. އެދުވަހު ގެއާއި ގޯތީގައި ލުމަށް މުޅި ޝައުބާން މަހުގެ މަސައްކަތުން ކޮންމެ ގެއަކަށް ވެސް އާ ކަށިވެލި ޖަމާ ކޮށްފައި ހުންނާނެ އެވެ. ވެލި ލުމުގެ ކުރިން ގެއާއި ގޭގެ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ހުރިހާ އެއްޗެއް ރީތިކޮށް ދޮވެ ސާފު ކުރާނެ އެވެ.

ނިދާ އެނދާއި އުނދޯއްޔާއި އަށްޓާއި ގޮނޑިއާއި މޭޒު ފަދަ ހުރިހާ އެއްޗެއް ބޭރަށް ނެރެ، ރަނގަޅަށް ދޮވެ ހިއްކާނެ އެވެ. މަދިރިގެ ފަދަ ތަކެތި ހޫނު ފެނުގައި ކައްކައިގެން ދޮންނާނެ އެވެ. ރާނާފައި ހުރި ގެއެއް ނަމަ އެގެއެއްގެ ފާރުތައް ވެސް މިކަމަކުން އިސްތިސްނާ ނުވެ އެވެ. ގެއެކޭ އެއްފަދައިން ބަދިގެ ވެސް އެ ފަންވަރަށް ދޮވުން އޮންނާނެ އެވެ. ތެލި ތާސްފަދަ ބަދިގޭގެ ހުރިހާ ސާމާނެއް ދޮވުމަށްފަހު އެންމެ ފަހުގެ ކަމަކަށް އޮންނާނީ ބަދިގެއާއި ގޭގެއެކި ތަނަނަށް ވެލި އެޅުމެވެ.

އާންމު ގޮތެއްގައި ގެއިން ނެރޭ ކަޅުވެލި ލާނީ ގޯތި ތެރެއަށެވެ. ގެއާ ބަދިގެއަށް އާ ވެލިލައި އެއްކޮށް ހުދު ކޮށްލާނެ އެވެ. ވެލިލާ ނިމޭއިރު އޮންނާނީ ގާތްގަނޑަކަށް ރޯދަމަހަށް ވާން ޖެހޭ ތައްޔާރީތައްވެ ނިމިފަ އެވެ. އެ ހިސާބުން މާހިފުން ދުއްވަން ދާންވީ އެވެ.

މާހިފުން ދުއްވުން

މާހިފުން ދުއްވުމަކީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން މޫދަށް ގޮސް ފެންވަރާލުމެވެ. ފުވައްމުލަކުގައި މޫދަށް ދިޔުމަކީ ވެސް ތަފާތު ގޮތަކަށް ކުރާކަމަކަށް ވާތީ ރޯދައަށް ހިނައިގަތުމަށްޓަކައި މޫދަށް ދާ ދިއުން ވެސް ތަފާތު ވަނީ އެވެ.

ޝައުބާން މަހުގެ 29 ވަނަ ދުވަހަކީ "މާހިފުންގެ ދުވަސް" ކަމުން އެދުވަހު ވަރަށް ހެނދުނާ ކުދިވެރިން މޫދަށް ދާން ފަށާނެ އެވެ. ބޮޑެތި ފިރިހެނުން ދާނީ ގޭގައި ފިރިހެނުން ކުރަން ހުންނަ މަސައްކަތް ނިމުމުންނެވެ. އަންހެން ވެރިން ދާނީ ގޭގެ ހުރިހާ މަސައްކަތް ނިމުންނެވެ. އެހެންކަމުން އެ މީހުނަށް ދެވޭނީ ގާތްގަނޑަކަށް ހަވީރުގެ ވަގުތުގަ އެވެ.

ފުވައްމުލަކުގައި މޫދަށް އެރުމަކީ ތަފާތު ކަމެކެވެ. ވަށައިގެން ނަގާ ބިޔަ ރާޅުތަކުގެ ތެރޭގައި އެ ރާޅުތަކާއެކު ފަތާ ފީނައި ހެދުމަކީ މަޖާ ކަމެކެވެ. ޒުވާން ފިރިހެން ކުދިންނަށް މާހިފުންގެ ދުވަހަށް ޚާއްސަކޮށް މޫދަށް ދިއުމަށް ތައްޔާރުވާނެ އެވެ. އެކަމަށްޓަކައި ކެޔޮބުޑުން ކަނދުފަތި ހެދުން ފަދަ ކަންތައް ކުރާނެ އެވެ. އެފަދަ ކަނދުފަތިތަކުގައި ރާޅުތަކުގެ ބޭރަށް ނުކުމެ ރާޅުތަކުން ސަލާމަތްވެ، ފަތައި ފީނައި އުޅުމުގެ މިނިވަންކަން އެ ކުދިން ހޯދާއިރު އަނެއް ބަޔަކު ބިޔަ ރާޅުތަކުގެ ތެރޭގައި ރާޅާ އެޅުމުގެ އުފާ ހާސިލް ކުރާނެ އެވެ.

ފުވައްމުލަކު މަސްވެރިންތަކެއް އެރަށުގެ ފަރު ބޭރުގައި މަސްވެރިކަން ކުރަނީ.

ރާޅާއެޅުމަކީ ކުރީ ޒަމާނުގެ ފުވައްމުލަކުގެ ހުރިހާ ފިރިހެނުންގެ ވެސް މޫދަށް އެރުމުގެ ބައެކެވެ. މާހިފުންގެ ދުވަހު މިކަން ވަރަށް ޚާއްސަ ވާނެ އެވެ. އެއްބަޔަކު ރާޅާ އެޅުމަށް ބޭނުންކުރާނީ އަށީގައި އަޅާފައި ހުންނަ މަޅު (ބަނބުކެޔޮ ފިލާ) އެވެ. އަނެއް ބަޔަކު އެހެލާފައި ހުންނަ ދޯނިފަހަރުގެ މަޅުތައް މިކަމަށް ބޭނުން ކުރާއިރު އެއްވެސް އެއްޗެއް ބޭނުންނުކޮށް "ހުސްއަތާ" ރާޅާ އަޅާ މީހުން ވެސް މަދެއް ނުވާނެ އެވެ.

ރަޅާ އެޅުމާއި ފެތުމުގެ ހަރަކާތްތައް ކުރިޔަށްދާއިރު ދޯނި ފަހަރުގައި، ފިރިހެނުންނާއެކު އަންހެނުންނަށް ޚާއްސަ މާހިފުން ދުއްވުން އިންތިޒާމުކޮށްފައި އޮވެ އެވެ. މިކަމަށްޓަކައި ކޮންމެ އަވަށަކުން ވެސް ދެތިން ދޯނި ތައްޔާރު ކުރާނެ އެވެ. އެ ދޯނިތަކުގައި ރަށް ވަށާ ބުރެއް ޖަހާލުމުގެ ފުރުސަތު ގިނަ އަންހެނުންނަށް ލިބޭނެ އެވެ. މޫދުގެ މި ޚާއްސަ ކުޅިވަރުތަކަށްފަހު އިރުއޮއްސުމުގެ ކުރިން އެންމެން ވެސް ގެއަށް ދާނެ އެވެ.

މާހިފުން ދުއްވާ ނިމިގެން

މާހިފުން ދުއްވަ ނިމިގެން ގެއަށް ގޮސް ދުވަހުގެ އެންމެ ފަހު ކަމަކަށް އޮންނާނީ ގެއަށް މައު ލުމެވެ. މިކަމަށްޓަކައި ތަފާތު ބާވަތް ބާވަތުގެ މައުތަކުން، ގެ ޒީނަތްތެރި ކުރުން އޮންނާނެ އެވެ. އުނިމާ ފަދަ މީރުވަސް ދުވާ މާތައް ބިނދެ ދޭނީ ފިރިހެނުންނެވެ. އެ މާތަކުން ތަފާތު ޑިޒައިންތަކަށް ވަށިތައް ހަދައި، ޑެކަރޭޓް ކުރާނީ އަންހެނުންނެވެ. ގެއަށް މައުލުމާއެކު މާހިފުންގެ ދުވަހުގެ އެންމެ ފަހުގެ ރަސްމިއްޔާތު ނިމުނީ އެވެ. ދެން އޮންނާނީ ރޯދަޔަށް ހަނދުބެލުމެވެ.

މިހާރުގެ މާހިފުންގެ ދުވަސް

ޒަމާނާ އެކު ފުވައްމުލަކުގެ ސަގާފީ މާހިފުން ދުއްވުމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން މާލޭގައި ފާހަގަކުރާ ގޮތަށް ކާބޯތަކެތިން މާހެފުން ވެސް މިހާރު ތައާރަފުވެފައި އޮތް ކަމަށް ވިޔަސް އަދިވެސް މޫދު ކުޅިވަރުތަކެއް ދުލެއް ނުކުރެ އެވެ. އެ ކުޅިވަރުތައް މިހާރު ބަދަލުވެފައި ވަނީ ކާބޯތަކެއްޗާ އެކު ބީޗްގައި ބޭއްވޭ ބޮޑު ޕިކްނިކަކަށެވެ. މިކަމަށްޓަކައި ރަށުގެ އުތުރުކޮޅުގައި އޮންނަ ތުނޑިއަށް ގިނަ ބަޔަކު ޖަމާވެ ޒަމާނީ މާހިފުން ދުއްވުން އޮވެ އެވެ.

ޒަމާނުއްސުރެ ލަފާ ފުރުމުގެ ދަތިކަން އިންތިހާ އަށް އޮތް ފުވައްމުލަކުގައި ބަނދަރާއި އެއާޕޯޓު ހެދި މުޅި ރާއްޖެއަށް ރަށް ހުޅުވިފައިވާ އިރު ލޯކަލް ޓޫރިޒަމް އިވެންޓެއްގެ ގޮތުން ފުވައްމުލަކުގެ ޚާއްސަ މާހިފުން ޕްރޮމޯޓްކޮށްލުމަކީ މިއަދުގެ ރަށުގެ ޒުވާން ޖީލަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.