ރޯދަ މަހާއެކު މާލޭގެ ސަޕްލައި ފެން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެމްޑަބްލިޔުއެސްސީއިން ދޮގުކޮށްފި އެވެ.
ސަޕްލައި ފެނުގެ ޑިމާންޑް ބޮޑުވެ މާލޭގެ ބައެއް ގޭބިސީތަކަށް ފެނުގެ ޕްރެޝަރު ދަށްވެ ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ޝޯޝަލް މީޑިޔާގައި ވާހަކަތައް އަންނަނީ ފެތުރެމުންނެވެ.
މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީއިން ކުރި ޓްވިޓެއްގައި ބުނެފައިވަނީ އެކުންފުނިން މާލެ ސަރަހައްދަށް ފޯރުކޮށްދޭ ސަޕުލައި ފެން ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިނުވާ ކަމަށެވެ. އަދި މާލެ ސަރަހައްދަށް ބޭނުންވާ ވަރަށް ފެން ރައްކާވެސް ކުރެވިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މިހާތަން ބެލިބެލުން އެއްވެސް މައްސަލައެއް މާލެ ސަރަހައްދުން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. މި ރޯދަމަހު މާލޭގެ ގެތަކަށް އެއްވެސް ދައްޗެއް ނެތި ފެން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުންޏަށް އެބައޮތް ކަމަށާއި ރައްޔިތުން ފެނަށް ޖެހިގެން އުޅެން ނުޖެހޭނެ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.
ފެން ކުންފުނީގައި 2014 ވަނަ އަހަރު ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ވޯޓަރ ސެކުރިޓީގެ ސިޔާސަތު ދަށުން މާލެ ދެ ސަރަހައްދެއްގައި ފެން އުފެއްދުމަށްޓަކައި އާރު ޕްލާންޓް ވަނީ ބަހައްޓާފަ އެވެ. އަދި މާލެ އޡާއި ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި މީގެ އިތުރު ފެން ރައްކާ ކުރާ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އިތުރު ތާނގީ ބެހެއްޓުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.