ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.

އަބްދުﷲ ރަޝީދަކީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރެކެވެ. އަބްދުﷲ ރަޝީދަށް އެލްޖީއޭއިން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާއާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ބަލަން މި މަހުގެ އަށްވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމުމަށްފަހު، އެ މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އަބްދުﷲ ރަޝީދު ސަސްޕެންޑު ކުރަން ނިންމި ސަބަބުތައް:

  • ކޭބަލް ޓީވީ ހިދުމަތްދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީއިރު 10 އަހަރަށް އެގްރިމަންޓު ކުރުން.
  • މިއަހަރުގެ ޖެނުއަރީ މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓާ ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނުވުން.
  • ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑީކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވުން.
  • ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގި އިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން.
  • މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެ މަގާމަށް އިއުލާންކުރުމަށްފަހު ކައުންސިލަރު ބޭނުން މީހަކު މަގާމަށް ނެގުން
  • ކައުންސިލަށް ހޯދާ ތަކެތި ގަތުމުގައި ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކިފަހަރު މަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން.
  • ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން.
  • ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ނުކުރުން.
  • ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނެތުންކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކުރުން.

އެކަންކަމާ ގުޅިގެން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޖަވާބުދާރީވުމަށް އެލްޖީއޭ އިން ވަނީ އަބްދުﷲ ރަޝީދަށް ފުރުސަތު ދީފަ އެވެ.

އުތީމު ކައުންސިލަރާމެދު ފިޔަވަޅު އެޅިއިރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވި މައްސަލަ ޕީޖީއިން އަނބުރާ ފޮނުވާލުމުން އިދިކޮޅު ޕީޕީއެމް އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.