ސިނަމާލެ ބުރިޖް ބޭނުންކުރާ މީހުންގެ އަތުން ފީނެގުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ރޭ އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ބްރިޖު ޚިދުމަތަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބްރިޖުން ފީއެއް ނެގުން ވިސްނުމަކު އަދި ނެތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ. އެއިރެއްގައި އޮންނަ ސަރުކާރުގެ ބޮޑު ޒިންމާއެއް އެއީ. އަސާސީ ޚިދުމަތުގައި ހިމެނޭ ކަމެއް މިއީ. ވިސްނުމެއް ނެތް ބްރިޖްގެ އެއްވެސް ފީއެއް ނަގާކަށް،" ނަހުލާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ހެދި ސިނަމާލޭ ބްރިޖުގެ ޚިދުމަތް ފެށިއިރު އެއްވެސް ފީއެއް ނުނެގި ނަމަވެސް، ބްރިޖް ބޭނުންކުރާ މީހުންގެ އަތުން ޓޯލް ނިޒާމުން ފީއެއް ނެގުމަށް ކުރިން އޮތީ ރާވައިފަ އެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ފައިސާ ވެސް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުގެންދެ އެވެ.

ސިނަމާލެ ބްރިޖް ދުވާލަކު 7،000 އަށްވުރެ ގިނަ މީހުން ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.