ރަމަޟާން މަހުގެ ރޭޔައް އިހްޔާކޮށް ދިރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވާ އިހްޔާ ފޯރަމް މިރޭ އޮންނާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ 22:00 ގައި ޕީޕީއެމް އޮފީހުގައި އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ދަރުސް ދެއްވާނީ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމަށް ބާއްވާ މި ޖަލްސާގައި ޕީޕީއެމްގެ ލީޑަރ ކުރީގެ ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފައިވެ އެވެ.

ޕީޕީއެމުން މީގެ ކުރިންވަނީ ރަމަޟާންމަހު ސަލްމާން މިސްކިތުގައި ދަރުހެއް ދިނުމަށް ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ފުރުސަތު ދެވެން ނެތް ކަމަށެވެ. އަދި މިހާރު އެއްވެސް ސިޔާސީ ޕާޓީއަކަށް ދީނީ ދަރުސް ޕްރޮގްރާމް މިސްކިތްތަކުގައި ހިންގަން ފުރުސަތު ދޭގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.