ބޮންޑާއި ސްކޫކް އަދި ލޯނުގެ ގޮތުގައި ދައުލަތުން ނަގާ ދަރަނި އަދާކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް ފައިސާ ޖަމާކޮށްދެއްވުމަށް އެމްއެމްގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ސަރުކާރަށް އާދޭސް ދަންނަވައިފި އެވެ.

ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ އެ ފަންޑު އުފެއްދުމުގެ މަގުސަދަަކީ ވެސް އެ ފަންޑަށް ޖަމާކުރާ ފައިސާއިން ބޮންޑާއި ސްކޫފް ފަދަ ތަކެއްޗަށް ފައިސާ ދެއްކުން ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ބޮންޑާއި ސްކޫކަށް ފައިސާ ދެއްކޭ ވަރަށް އެ ފަންޑަށް ފައިސާ ޖަމާކުރުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަ ގަވަރުނަރު ފެއްޓެވީ ވެސް އާދޭހާއެކު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުންނެވެ.

"އަދި ހާއްސަކޮށް 2020 އަދި 2021 ވަނަ އަހަރަށް ޖުމްލަ 700 މިލިޔަން ޔޫއެސް ޑޮލަރުގެ ބޮންޑް ބޭރު ފަރާތްތަކަށް ވިއްކުމަށް އަންދާޒާކޮށްފައި ވާއިރު މި ބޮންޑް އަނބުރާ އަދާކުރުމަށް ދައުލަތަށް ލިބޭ އާމްދަނީން، އެސްޑީއެފަށް ޖަމާކުރާ އަދަދު އިތުރުކުރެވޭނެ ގޮތެއް ހަަމަޖެއްސުން މުހިއްމުކަމުގައި ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

އަލީ ހާޝިމް ވިދާޅުވީ ސަރުކާރުން ވިއްކާފައިވާ ބޮންޑާއި ސުކޫކަށް ފައިސާ ދެއްކުމަށް އެ ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެ ފަންޑު މެނޭޖްކުރަން ގާނޫނީ އޮނިގަނޑެއް ވީއެންމެ އަވަހަށް ތައާރަފްކޮށް އެ ފަންޑު މެނޭޖްކުރުން ހަރުދަނާކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ..

"މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެން މިހާރު މިނަގާ ދަރަނި، އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މުސްތަގުބަލުގައި އަޅުގަނޑުމެން އެ ފައިސާ އަދާކުރާނެކަން. [އެކަމަށް] މެކޭނިޒަމެއް ރޭވިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އެ ފަންޑު މެނޭޖްކުރަނީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމަންޓެއްގެ ދަށުންކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ.

"މިއަށްވުރެ ހަރުދަނާކޮށްފިއްޔާ އެ ފަންޑަށް ޖަމާކުރާ ފައިސާ އިން އަނބުރާ ދައްކަން މެކޭނިޒަމެއް ރޭވޭނެ. މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ޔަގީންކަން މިއަރުވަނީ އަޅުގަނޑުމެން މިހާރު މި ނަގާ ދަރަނި އަޅުގަނޑުމެން މުސްތަގުބަލުގައި ޖަމާކުރަމުން އެ ފައިސާ އަދާކުރާނެ ކަމަށް،" ގަވަރުނަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ޖަމާކޮށްފައި ހުރީ 523 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ ފަންޑަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައެއް ނުވެ އެވެ.

އެ ފަންޑުގައި މިހާތަނަށް ޖުމްލަ އިންވެސްޓްކޮށްފައި ހުރީ 1,028.5 މިލިއަން ރުފިޔާ އެވެ.