ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ނިންމައި އެ ކުންފުނީގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓުގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާޝިމް ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލަ އަކީ ޕީއެސްއެމް އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ހިންގުމަށް، ހަދާ ނުނިމޭ އިމާރާތެއްގެ ދެ ފްލޯއެއް ކުއްޔަށް ނަގައިގެން ގަވާއިދާ ޚިލާފަށް ކުލި ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ (1) ގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާ އަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެެ (ށ) ގެ (2) ގެ ދަށުން ތިމާއަށް ނުވަތަ އެގެ ފައިދާ ލިބެންނުޖެހޭ ފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި އެކަން ކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްދިނުމަށް އޭސީސީން ވަނީ އެދިފަ އެވެ.

އޭސީސީ އިން ބުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައި އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށާއި ދެ ފަހަރެއްގެ މަތިން އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި މީގެ ކުރިން ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

އެމްއެމްއައި ގާއިމް ކުރުމަށް އިމާރާތެއް ހޯދުމަށް ޕީއެސްއެމް އިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅުނު ތިން ބިޑް އިވެލުއޭޓު ކުރުުމަށްފަހު، އަންދާސީހިސާބު ބަލާ ކޮމެޓީ އިން ނިންމީ ހ. ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ކުއްޔަށް ހިފުމަށެވެ. އަދި އެ އިމާރާތުގެ ދެ ފަންގިފިލާ ކޮންމެ ފަންގިފިލާ އަކަށް 37،000 ރުފިޔާގެ މަގުން ކުއްޔަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީ އިން އެ އިމާރަތް ބޭނުންކުރުމަށް ހުއްދަ ދިނުމުގެ ކުރިންކަން ފާހަގަވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، 1 ޑިސެމްބަރު 2015 އިން ފެށިގެން ކުއްޔަށް ހިފާ މުއްދަތު ގުނަން ފަށާނެ ކަމަށް ބުނެފައި އޮތްނަމަވެސް، އެ ތާރީހަށް އެ އިމާރާތް ޕީއެސްއެމްގެ ބޭނުމަށް ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީއެސްއެމްއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

މީގެ އިތުރުން އިމާރަތް ކުއްޔަށް ދޭ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަކޮށްފައި ހުރިކަމަށް ބުނެ ޕީއެސްއެމްގެ ޕްރޮކިޔުމަންޓު ޑިޕާޓްމެންޓުގެ ކުރީގެ ވެރިޔާ ސޮއިކޮށް އެ ކުންފުނީގެ އެޑްމިން ޑިޕާޓްމެންޓަށް މެމޯ އެއް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ނަމަވެސް އޭގައި ސޮއިކުރަން އޭނާ އަށް އެންގީ ކާކުކަމެއް ތަހުގީގުން ހޯދާފައެއް ނުވެއެވެ. އަދި ހ. ޖޯޖެޓްވިލާގެ ދެ ފަންގިފިލާ ކުށްޔަށް ހިފުމަށް އެ ކުންފުނީގެ ވެރިން އެއްވެސް އިރުޝާދެއް ދިން ކަމެއް އަދި އެކަމުގައި އެއްވެސް ވަރަކަށް ޝާމިލުވިކަން ވެސް ތަހުގީގުން ބަލާފައެއް ނުވެ އެވެ.

ފަހަކަށް އައިސް އޭސީސީން ކުރާ ތަހުގީގުގެ ފެންވަރު ދަށް ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަންނަނީ ކުރަމުންނެވެ. އަދި ޕީއެސްއެމްގެ މައްސަލަތަކުގެ ތަހުގީގު ލަސްވާތީ އެ ކުންފުނިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.