މާލެ ސަރަޙައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރާ ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުނީ ފަޅު ހިއްކުމުގެ މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ ހިއްކި ސަރަޙައްދުގައި ބޮޑު ހިލަ ޖަހައިގެން ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.
ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އެ މިނިސްޓްރީން ބުނީ އެ ފަޅުން ހިއްކި ބިން ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ ބޮޑު ހިލަ ޖެހުމުގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޕިކްނިކް އައިލެންޑްގެ ފެސިލިޓީތައް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ރަށް ތަރައްގީ ކުރާނީ ކުރިން މާލެ ސަރަޙައްދުގައި ދަތުރު ދިއުމަށް ބޭނުންކުރި ކުޑަ ބަނޑޮސް އޮތް ކޮންސެޕްޓަށް ކަމަށެވެ.
އަލަށް ތަރައްގީކުރާ ޕިކްނިކް އައިލެންޑްގައި ދުވަހު ކުއްޔަށް ދޫކުރާ ފެމިލީ ކޮޓަރިތަކާއި، ފާޚާނާ ބަރި ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންނާއި، ހަޓްތަކާއި ބާބަކިއު އޭރިއާތައް ވެސް ރަށުގައި ތަރައްގީކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މޫދަށް އެރޭ މީހުން ބޭނުންކުރުމަށް ޗޭންޖިންގް ރޫމާއި، ލޮކަރާއި އަދި ނާސިން ރޫމް އަދި ނަމާދު ކޮޓަރި ވެސް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ކުޑަގިރި ތަރައްގީކުރަނީ އިވެންޓްތައް ބޭއްވޭނެ ޖާގައާ ވެސް އެކު ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ރަށަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ކުޑަގިރި ފަޅަކީ މާލެއާ 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ.
މާލެއިން ފުރައިގެން ސްޕީޑް ބޯޓެއްގައި 15 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ކުޑަގިރި ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ދަތުރު ދިއުމަށް 8 ހެކްޓަރު ހިއްކުމާއި، ފިނޮޅެއްގެ ގޮތުގައި ހަދާ 1.5 ހެކްޓަރުގެ ބިމެވެ.
މާލޭގައި ސަރަހައްދުގައި ދަތުރު ދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ވަނީ 2013 ވަނަ އަހަރު ކުއްޔަށް ދޫކޮށްފަ އެވެ.