ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ލިބުނު ފުރަތަމަ ކުއްޖާއާ ގުޅޭގޮތުން ޕްރިޔަންކާ އަލަށް އާންމުންނާއި މައުލޫމާތު ހިއްސާކޮށްފި އެވެ.
ޕްރިޔަންކާ އާއި ނިކް އަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެ ދެ ތަރިންގެ އިންސްޓަގްރާމުންނެވެ. ދެފަންނާނުންވެސް އެދެމީހުންނަށް ލިބުނު އަންހެން ދަރިފުޅުގެ އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ ދަރިފުޅާއި ގުޅިގެން އެއްވެސް ވާހަކައެއް އާންމުންނާއި ހިއްސާކޮށްފައެއް ނުވެ އެވެ.
ނަމަވެސް ދާދި ފަހުން ޕްރިޔަންކާ ވަނީ އިންޑިއާގެ މަޝްހޫރު ޔޫޓިއުބާއެއް ކަމަށްވާ ލިލީ ސިންގްއާ އެކު ނެގި ވީޑިއޯއެއްގައި އޭނާގެ ދަރިފުޅާއި ގުޅިގެން ވާހަކަދައްކާފަ އެވެ.
ޕްރިޔަންކާ ބުނިގޮތުގައި އޭނާ އެންމެ ބިރު ގަންނަ ކަންކަމާއި ފަސްޖެހޭ ކަންކަން ދުވަހަކުވެސް އޭނާގެ ދަރިފުޅަށް ނުދައްކާނެ އެވެ. ޕްރިޔަންކާ ބުނިގޮތުގައި ދަރިން ދުނިޔެއަށް އަންނަނީ އެމީހެއްގެ ފަރާތުން ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެހެންނަމަވެސް އެމީހަކީ ހަމައެކަނި ދަރިން ދުނިޔެއަށް ގެންނަން މެދުވެރިވާ ޒަރިއްޔާކަމަށް ގަބޫލުކުރާކަމަށް ޕްރިޔަންކާ ވަނީ ބުނެފަ އެވެ.
ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު، މިދަނޑިވަޅުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ ދެ މީހުން ވަނީ އެދިފަ އެވެ.