މިފްކޯއިން މަސްކިރާ މިންވަރު ދޫކޮށްލުމަށްފަހު އަނެއްކާ ވެސް މަސް ގަންނަ މިންވަރު ލިމިޓްކޮށް، ކޮންމެ ދުވަހަކު ވެސް ދޯންޏަކުން ހަތް ޓަނު މަސް ކިރާ ގޮތަށް ނިންމައިފި އެވެ.
މިއީ މަސް ކިރުމުގައި ދެ ހަފުތާ ތެރޭ މިފްކޯއިން ލިމިޓް ކަނޑައެޅި ދެވަނަ ފަހަރެވެ. ކުރިން އެ ކުންފުނިން ލިމިޓެއްް ގޮތުގައި ކަނޑައެޅީ ދޯންޏަކަށް ފަސް ޓަނެވެ. އެކަމާ މަސްވެރިން ވަނީ ނުރުހުން ފާޅުކޮށް ކޫއްޑޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
މުޒާހަރާއާ ގުޅިގެން ނިންމާފައި ވަނީ އެ ދުވަހަކަށް މަސް ކިރަން ކަނޑައަޅާ މިންވަރު ހަމަވަންދެން ދޯނި ފަހަރުގައި ހުރި ހުރިހާ މަހެއް ކިރުމަށެވެ. އެގޮތަށް ނިންމައި ކޫއްޑޫގައި ކިއުގައި ޖެހިފައި ހުރި ހުރިހާ ދޯންޏެއްގައި ހުރި ހުރިހާ މަހެއް ކިރައި ވަނީ ނިންމައިފަ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް އަދިވެސް މަސް ކިރުވާ ކަމަށެވެ. އެހެންވެ، މަސް ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ އާއި އެހެން ދަތިތައް ހައްލު ކުރުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނި ގޮތުގައި މަސް ބާނާ އަދަދު މި ދުވަސްވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެހެންވެ ދޯންޏަކުން ހަތް ޓަނު ކިރައިގެން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށް ބުންޏެވެ.
މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުނީގެ ޖަޒީރާ-102 ކޫއްޑު އަށް ވަނީ ފޮނުވައިފަ އެވެ. އެއީ 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެކެވެ.