އިސްރާއީލުން މަސްޖިދުލް އަގްސާއަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފި އެވެ.

މިކަން ކުށްވެރި ކޮށްފައިވަނީ އަލް-އަގްސާ މިސްކިތަށް އިސްރާއީލު ސިފައިން ދިން ޙަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ނެރުނު ބަޔާނުގަ އެވެ. އެ ބަޔާނުގައިވަނީ މި ބަރަކާތްތެރި ރަމަޟާންމަހު ފަލަސްޔީނުގެ އެއްވެސް ހަތިޔާރެއްނެތި އަޅުކަންކުރާ މީހުންނަށް ހަމަލާދީ ހައްޔަރުކުރުން ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހާއި، ޖެނެރަލް އެސެމްބްލީގެ ކަމާބެހޭ ގަރާރުތަކާ ކަނޑައެޅިގެން ހިލާފް ޢަމަލުތަކެއްކަމަށް ބުނެފައިވެ އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށްވެސް ހީނަރުކަން އަންނަކަން ފާހަގަކޮށްފައިވެ އެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަގިއްލު ދަޢުލަތެއް ގާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްގު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްތީނާއި އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ގާއިމުކުރެވިގެންކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަގްސާ މިސްކިތަށް ދިން ހަމަލާ ސައޫދީ އަރަބިއްޔާއިންވެސްވަނީ ކުށްވެރި ކޮށްފަ އެވެ.