ހިއުމަން ރައިޓްސް ވޮޗްއިން ރާއްޖޭގައި ހުރި މައްސަލަތައް ބަލައި އެކުލަވާލި ރިޕޯޓުގައި ފާހަގަކުރި ކަންކަން އިސްލާހުކުރަން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
ހުސެންގެ މައްސަލައިގައި ބުނެފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނެރުނު ރިޕޯޓުގައި، މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ކުރި ތަހުގީގުން ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަން މި ސަރުކާރުން ވައުދުވި ނަމަވެސް މިއަދާ ހަމަޔަށް އެކަން ކޮށްފައިނުވާ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން ވެސް އިސްލާހު ނުކުރާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެއްވެ އުޅުމަށް ހުރަސް އެޅޭ ގޮތަށް ހުރި ގާނޫނުތައް އުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ނަމަވެސް އަދިވެސް އެ ގާނޫނުތައް އުވާ ނުލާ ކަމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާތަކަށް ހުރަސް އަޅަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ނެރުނު ރިޕޯޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާލުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވުމާއި މަރު ކޮމިޝަނުން އެއްވެސް ނަތީޖާއެއް ނުނެރުވުމާއި އަދި ޖުޑީޝަރީ އިސްލާހުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. އަދި ބަހުސްކުރަން ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވި އެވެ.