ފަތިސް ނަމާދަކީ ރަމަޟާން މަހު މުސްލިމުންނަށް ކިހާ މުހިއްމު ބަންގިއެއް ކަން އަހަރުމެންނަށް އެނގޭނެ އެވެ. އެ ބަންގީގެ އަޑުން ރޯދައިގެ މަތިވެރި އަޅުކަން ފެށިގެން ދާއިރު އެ އަޑު ނުއިވުމަކީ މުސްލިމުންނަށް ރޯދަމަހު ލިބޭނެ ބޮޑު އުނިކަމެކެވެ.

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާގެ މުސްލިމުންނަށް މިއަހަރު ރަމަޟާން މަސް ފެށިގެން އައީ އެ ގައުމުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގި ގޮވުން ސަރުކާރުން މަނާކުރި ޚަަބަރާއެކީގަ އެވެ.

އެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި ފަތިސް ނަމާދުގެ ވަގުތަކީ ގައުމުގެ ގިނަ ބަޔަކު ނިދާފައި ތިބޭ ވަގުތެއް ކަމަށާއި އެވަގުތު އަޑުގަދަކުރާ ބޭނުން ކޮށްގެން ބަންގި ގޮވުމަކީ ގިނަ ރައްޔިތުންނަށް އުނދަގޫވާ ކަމެއް ކަމަށެވެ.

މި ނިންމުމާއެކު އެގައުމުގެ ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެއީ އެމީހުންގެ އަޅުކަން ހުއްޓުވުން ކަމުގައި ބުނެފަ އެވެ. އަދި ރުވާންޑާގެ ހުރިހާ މުސްލިމުންނަކީ ގޭގައި ގަޑި ހުންނަ މީހުންނަށް ނުވުމާއެކު ބަންގީގެ އަޑު ނީވުމަކީ އެމީހުންގެ ރޯދައަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން އެގައުމުގެ އިމާމުންނާއި ސަރުކާރުގެ އިދާރާތަކާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާއިރު އިދާރާތަކުން ވަނީ މި ނިންމުމަކީ އާއްމު މަސްލަހަތަށް ބަލައި ނިންމި ނިންމުމެއް ކަމަށް ބުނެފަ އެވެ.

އެއާއެކު އިމާމުންގެ ފަރާތުން ވެސް ވަނީ އިސްލާމްދީނަކީ ވެރިންނަށް ކިޔަމަންވާން އުނގަންނައިދޭ ދީނެއް ކަމަށް ބުނެ މި ނިންމުން ގަބޫލު ކޮށްފަ އެވެ.

އެހެން ކަމުން ރުވާންޑާގައި ދެން ދުވަހަކު ވެސް ފަތިސް ނަމާދުގެ ބަންގީގެ އަޑު ނުއިވުމަކީ އެކަށީގެންވާ ކަމެކެވެ.