ލ. އަތޮޅުގެ ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް، ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ސަލާމަތްކޮށްފި އެވެ.
އެ ވެލާތައް ފުރޮޅާފައި ހުއްޓާ ފެނުނީ މިދިޔަ އާދިއްތަ ދުވަހު އެ އަތޮޅު ކުނަހަންދޫގެ ހުޅަނގަށް އޮންނަ ފަޅުރަށެއް ކަމަށްވާ، އަތަހެންދާ އިންނެވެ. އެތަނުގައި ބޮޑު ފަސް ވެލާ އޮތެވެ.
އެ ރަށުގައި ފުރޮޅާފައި ހުރި ވެލާތައް ސަލާމަތްކުރީ، ސިކްސް ސެންސް ލާމު ރިސޯޓުގައި ހިންގާ މެރިން ބަޔޮލޮޖީ ޓީމް ކަމަށްވާ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި) ދަށުން ހިންގާ ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިންނެވެ.
ފުލުހުންނާ ގުޅިގެން ހިންގި އެ ރެސްކިއު މިޝަންގައި އެމްޔޫއައިގެ ދަށުން ހިންގާ މަންޓާ ޓްރަސްޓް އަދި ބްލޫ މެރިން ޕައުންޑޭޝަން ޖަމިއްޔާ އިން ވެސް ބައިވެރިވި އެވެ.
އެމްޔޫއައި އިން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ، އެ ވެލާތައް ފެނުނީ، ގޮނޑުދޮށާ ތިން މީޓަރު ދުރުން އަތަހެންދާގެ ގޮނޑުދޮށުގައި ހުރި ރުށްތަކެއްގެ ދަށުގައި ފުށުން ޖަހައި ބަރިއަކަށް އަތުރާފައި ހުއްޓާ ކަމަށެވެ.
އެއްގަމުގައި ވެލާ ފުށުން ޖަހާފައި ބޭއްވުމުން އަމިއްލައަށް ސަލާމަތްވެގެންނެއް ނުދެވޭނެ އެވެ. އެ ވެލާތައް ސަލާމަތްކުރި އިރުގެ ބައެއް ފޮޓޯތައް ވެސް އެ ޓީމުން ހިއްސާކުރި އެވެ. އެ ފޮޓޯތަކުގައި ވެލާ ސަލާމަތްކުރަން ކުރި މަސައްކަތްތަކާއި އެ ޓީމުން ދޫކޮށްލި ވެލާ ދަތުރުކޮށްފައި ދިޔަ ގޮތް ވެސް ހިމެނެ އެވެ.
އެ ރެސްކިއު މިޝަންއާ ގުޅޭ ގޮތުން "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިން ލިޔުނު ބްލޮގް ޕޯސްޓްގައި ބުނީ އެ ވެލާތައް ފުރޮޅާފައި ހުއްޓާ ފެނުނީ ސިކްސް ސެންސް ލާމު ރިސޯޓުން، އެ ފަޅުރަށަށް ޕިކްނިކް ގޮސް އުޅުނު ޓޫރިސްޓުންތަކަކަށް ކަމަށެވެ.
"އެ ވެލާތައް ފެނުނުއިރު އެއްވެސް ހަރަކާތެއް ނުކުރޭ. ގަސްތަކުގެ ތެރޭގައި ފޮރުވާފައި ހުރީ. އެ ހުރިހާ ވެލައަކަށް ވެސް ކުދިކުދި އަނިޔާތައް ލިބިފައިވޭ،" އެ ޕޯސްޓުގައި ބުންޏެވެ. "ކަރުގައި ބުޅި އަޅުފައި ހުރި ކަމަށް ބެލެވޭ ނިޝާންތަކެއް ހުރި. އޭގެ ތޮށިގަނޑަށް ވެސް ކުދި އަނިޔާވެ، ލޯ ވެސް ދުޅަވެފައި ހުރީ."
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ގެންގުޅުމާއި އެއަށް ގޯނާކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެއީ ބޮޑު ޖޫރިމަނާއެއް ވެސް އަންނަ ކުށެކެވެ.
ލ. އަތޮޅުގެ ކަނޑުފަޅުތަކުގައި ގިނަ އަދަދަކަށް ވެލަޔާއި ކަހަނބު ދިރިއުޅޭ ކަމަށް ފަހުގެ ދިރާސާތަކުން ވެސް ވަނީ އެނގިފަ އެވެ. އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، މިދިޔަ ޑިސެމްބަރު މަހު 23 ގައި ލ. އަތޮޅު ހަ ސަރަހައްދެއް ހިމާޔަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ސަރަހައްދެއްގައި ގިނަ އަދަދެއްގެ ވެލަޔާއި ކަހަނބު ދިރިއުޅެ އެވެ.
ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތީގެ "ނޭޝަނަލް ރެޑްލިސްޓް" ގައި އެންމެ ފުރަތަމަ ވެސް ހިމެނީ ވެލާގެ ބާވަތްތަކެވެ. އެ ލިސްޓުގައިވާ ގޮތުން، ވެލާ އަދި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު، ވަރަށް ބޮޑުވެފައިވެ އެވެ.