ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ލިބުނު ފުރަތަމަ ކުއްޖާއަށް ނަން އެދެފަންނާނުން ހާމަކޮށްފި އެވެ.

ޕްރިޔަންކާ އާއި ނިކް އަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެ ދެ ތަރިންގެ އިންސްޓަގްރާމުންނެވެ.

ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާ ކަމަށާއި، މިދަނޑިވަޅުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ ދެ މީހުން ވަނީ އެދިފަ އެވެ. އެދެ މީހުންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް އެކުއްޖާއަށް ކިޔާނެ ނަމެއް ހަމަނުޖެހި ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން ފޭނުން އައީ ކުއްޖާއަށް ނަން ނުކިޔަ ހުރީ ކޮން ސަބަބަކާ ގުޅިގެންތޯ ޕްރިޔަންކާއަށް ސުވާލުކުރަމުންނެވެ.

މިކަމާއި ގުޅިގެން ޕްރިޔަންކާގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ، އެދެމަފިރިންނަށް ލިބުނު ދަރިފުޅަށް ނަމެއް ކިޔުމަށް ވަރަށް ގިނަ ހިޔާލު މީހުން ދީފައިވާ ކަމަށެވެ.

ނަމަވެސް ހިތް ހަމަޖެހޭ ނަމެއް މިހާތަނަށް ފެނިފައި ނުވުމުން ނަން ކިޔުމަށް އެދެމަފިރިން މާ ބޮޑަށް ނޫޅޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ޕްރިޔަންކާ ވަނީ، އަވަސް އަރުވާލައިގެން ދަރިފުޅުގެ ނަން ކިޔަން ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެދެމަފިރިންނަށް ލިބުނު ދަރިފުޅުގެ ނަން މިހާރު އާންމުންނާއި ހިއްސާކޮށްފައިވާއިރު، އޭނާގެ ދަރިފުޅަށް ދިން ނަމަކީ މާލްތީ މޭރީ ޗޯޕްރާ ޖޯނަސް އެވެ. އެ ނަމަކީ ކުއްޖާގެ މަންމައާ ބައްޕަގެ ނަމުގެ މިކްސްއެކެވެ.