އިންޑިގޯ އެއާލައިންސްގެ ފްލައިޓަކުން ދަތުރުކުރި ފަސިންޖަރެއްގެ ފޯނުގައި ރޯވުމުން މަތިންދާ ބޯޓެއް ކުއްލި ހާލަތަށް ގެނެސް އަލިފާންގަނޑު ނިއްވާލައިފި އެވެ.

މަތިންދާ ބޯޓު ވައިގެ ތެރެއިން ކުއްލި ހާލަތަށް ގެނެވުނީ ސީޓް 30ސީގައި އިން ފަސިންޖަރުގެ ފޯނުން ދުން އަރާކަން ކެބިން ކުރޫއަކަށް ފާހަގަ ކުރެވުމުންނެވެ. އެކަން ފާހަގަ ކުރެވުމާއެކު ކްރޫއިން ވަނީ އަލިފާން ނިވި ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވާލައިފަ އެވެ.

ފޯނުގައި އަލިފާން ރޯވާން މެދުވެރިވީ ފޯނުގެ ބެޓެރި ހޫނު ވެގެން ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ޑިބްރުގަރްހް އިން ފުރައިގެން ދިއްލީއަށް ދަތުރުކުރި އިންޑިގޯ އެއާލައިންސްގެ 6އީ 2037 ނަމްބަރު ފްލައިޓުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ރިޕޯޓު ކުރެވިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް ފަސިންޖަރަކަށް ނުވަތަ ކްރޫއަކަށް އަނިޔާވެފައި ނުވާއިރު މިކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އިންޑިގޯއިން ވަނީ ބުނެފަ އެވެ.

ވައިގެ ދަތުރުފަތުރު ކުރާއިރު މޯބައިލް ފޯނު ގެންގުޅުމުގައި ކްރޫއިން ދޭ އިރުޝާދުތަކަށް ތަބާ ނުވެއްޖެނަމަ ހިތާމަވެރި ހާދިސާތައް ހިނގުން ގާތެވެ. ދަތުރު ތަކުގައި ފޯނު ނިއްވާލަން އިރުޝާދު ދެވެނީ މިފަދަ ސަބަބުތަކަށްޓަކަ އެވެ.