ދަރުމަވަންތަ ހޮސްޕިޓަލަކީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު އެސެޓްކަން މިސަރުކާރަށް މިހާރު ވިސްނިއްޖެ ކަމަށާއި އެ ހޮސްޕިޓަލް ރަހުނު ކުރުން ހުއްޓާލުމަށް ކުރީގެ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
އެ ހޮސްޕިޓަލް އިމާރާތްކުރި އިރު ހެލްތު މިނިސްޓަރަކަށް ހުންނެވި ނާޒިމް މިހެން ގޮވާލެއްވީ އެ ހޮސްޕިޓަލް ރަހުނުކޮށް ސަރުކާރުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ގަންނަން ނިންމާފައިވާތީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލް ރަހުނު ކުރާތީ ހިތާމަކުރައްވާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ރަހުނުކޮށް ބޮޑު ލޯނެއް ނަގަން މިސަރުކާރުން ނިންމާ މިކަމާގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެގޮތަށް ކުރިޔަށް ދިއުމަށް ނިންމާފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓަރު ވަނީ އެ އިމާރާތުގެ ބިމުގެ އަގުކޮށް ދިނުމަށް އެދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އެ ހޮސްޕިޓަލް ރަހުނުކުރުމަށް އިމާރާތާއި އެތަނުގެ އިކުއިޕްމަންޓާއި އިމާރާތް ހުރި ބިން އަގުކުރަން ޖެހޭ ކަމަށެވެ. އަދި އިމާރާތުގެ އަގާއި އެތަނުގެ އިކުއިޕްމަންޓްތައް އެ މިނިސްޓްރީން އަގުކޮށްފައިވާ ކަމަށް ވެސް އަމީރު ފޮނުއްވި ސިޓީގައިވެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރަމުންދިޔައިރު އޭރު އެމްޑީޕީ އިދިކޮޅުގައި އޮވެގެން އެ ހޮސްޕިޓަލް ތަރައްގީ ކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހަޅައެއްކަމަށް ސިފަވާގޮތަށް އަދި އެތަނަކީ ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ނޫންކަމަށް ކެމްޕެއިން ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގެން އެކި މުނާސަބަތުތަކުގައިވެސް ވާހަކަ ދައްކަވާފައެވެ.