ގުދުސް (30 އޭޕްރީލް) - މުސްލިމުންގެ ތިން ހަރަމުގެ ތެރެއިން ހަރަމެއް ކަމަށްވާ މަސްޖިދުލް އަގްސާގައި އިއްޔެ ވެސް ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.

އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނުގެ އާއްމުންނާ ދެމެދު މިސްކިތުގެ ގޯތި ތެރޭގައި ކުރިއަށް ދިޔަ މި ހަމަނުޖެހުންތަކުގައި 42 މީހުންނަށް އަނިޔާވެގެން ރިޕޯޓު ކުރެވިފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެ އެވެ.

ފާއިތުވި ދެހަފްތާގެ ހުކުރު ދުވަހު ވެސް މި ސަރަހައްދުގައި ހަމަނުޖެހުން ވަނީ ހިންގާފަ އެވެ. އެގޮތުން މިދިޔަ ހަފްތާގެ ހުކުރު ނަމާދުގެ ޖަމާއަތް ކުރިއަށް ދަނިކޮށް އިޒުރޭލު ސިފައިން ވަނީ މިސްކިތަށް ވަދެގަނެ ކަރުނަ ގޭސްޖަހައި ނަމާދު ކުރަން ތިބި މީހުންނާ އަމާޒުކޮށް ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ.

މިފަހަރުގެ ހަމަނުޖެހުންތައް ހިންގާފައިވަނީ ރަމަޟާންމަހުގެ އެންމެ ފަހު ހުކުރު ދުވަހާ ދިމާކޮށް މަސްޖިދުލް އަގުސާއަށް ގިނަ މުސްލިމުން ޖަމާވެފައި ވަނިކޮށެވެ.

އިޒްރޭލުގެ އިދާރާތަކުން ބުނާ ގޮތުގައި އެގައުމުގެ ފުލުހުން މިސްކިތަށް ވަދެގަންނަން ޖެހުނީ ޔަހޫދީންގެ މާތްކުރާ ތަނަކަށް މުސްލިމުންގެ ބަޔަކު ހަމަލާ ދޭން ފެށުމުންނެވެ.

ފާއިތުވި ހަފްތާ ތަކުގައި ގުދުސްއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ނުތަނަވަސްކަން އިތުރުވުމާއެކު އަނެއްކާވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ވެސް އިޒްރޭލުގެ ސިފައިންނާ ހަމާސް ޖަމާއަތާ ދެމެދު 11 ދުވަހުގެ ހަނގުރާމައެއް ވަނީ ހިނގާފަ އެވެ. -- އަލް އަރަބިއްޔާ