މަސައްކަތްތެރިންގެ އަޑު އުފުލުމަށް މިއަހަރުގެ މޭޑޭއާއި ދިމާކޮށް މިއަދު ހަވީރު ބާއްވަން އުޅުނު ހިނގާލުން ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން އަންގައިފި އެވެ.
މޭޑޭއާއި ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އިންތިޒާމްކޮށްގެން ހިނގާލުމެއް ބާއްވަން ވަނީ ނިންމާފަ އެވެ. ނަމަވެސް އެފަރާތުން ބޭއްވުމަށް މަސައްކަތްކުރި ހިނގާލުން އިންތިޒާމު ކޮށްފައިވާ ގޮތަށް ނުބޭއްވޭނެކަމަށް ފުލުހުންވަނީ އަންގާފަ އެވެ.
މި ހިނގާލުމާއި ގުޅޭގޮތުން އެ ޔޫނިއަނުން ބުނެފައިވަނީ މަސައްކަތް ތެރިންގެ ހައްގުތައް ހޯދުމަށާއި، މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އުފުލުމަށްޓަކައި ލިބޭ އެންމެ ފަހި ފުރުސަތަކީ މަސައްކަތް ތެރިންގެ ދުވަސް ކަމަށެވެ.
މިހިނގާލުން ރާވާފައިވަނީ މާލޭގައި ރަސްފަންނު ހިމެނޭ ސަރަހައްދުން ހެންވޭރު ކާނިވާ ސަރަހައްދާއި ހަމައަށް އަޑު އުފުލުމުގެ ހިނގާލުމެއްގެ ގޮތުގައި ކަމަށާއި މިހިނގާލުމުގައި ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި މަސައްކަތްތެރިންނާއި، ބިދޭސީ މަސައްކަތްތެރީންވެސް ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށް އެ ޔޫނިއަނުން ބުނެ އެވެ. އަދި މިއީ މަސައްކަތް ތެރީން އެމީހުންގެ އަޑު އުފުލުމަށް ބާއްވާ ސުލްހަވެރި ހަރަކާތެއްކަމަށް އެފަރާތުން ހާމަކޮށްފައިވެ އެވެ.
މޭޑޭގެ ސުލްހަވެރި ހިނގާލުމަށް ސަރުކާރުން ހުރަސް އަޅާފައިވާއިރު މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އެންމެ ބޮޑަށް ދައްކަމުންދިޔައީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ވާހަކަ އެވެ. ނަމަވެސް ވެރިކަމަށް އައިފަހުން ސަރުކާރުން ދަނީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ މިފަދަ ހައްގުތައް ހަނިކޮށް ނިގުޅައިގަންނަމުންނެވެ.