މަސް ކިރުމުގައި މިފްކޯ އިން ގެންގުޅުނު ކޮންޓްރޯލް ދޫކޮށްލައި މަސްވެރިން ބާނާ ހުރިހާ މަހެއް ކިރާ ގޮތަށް ނިންމައިފި އެވެ.
މިދިޔަ މާޗް މަހުގެ މެދުތެރެއިން ފެށިގެން ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، އެއްފަހަރާ ގިނަ ދޯނިފަހަރުތަކެއް ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވަމުން ގޮސްފައި ވާތީ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސްލިބެމުން ދާތީ އޭޕްރީލް 6 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ވަނީ މަސްކިރުން ކޮންޓްރޯލްކޮށްފަ އެވެ. އެ ކުންފުނިން އެގޮތަށް ނިންމީ މަސް ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށެވެ.
މަސްކިރުވާ އަދަދު ލިމިޓުކުރުމުން ދެކުނުގެ މަސްވެރިން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. މަސްވެރިކަން ރަނގަޅުވެ ދުވާލަކަށް 50 ޓަނު ބޭނޭ ދުވަސްވަރެއްގައި މަސް ގަންނަ ވަރު ލިމިޓު ކުރުމަކީ މަސްވެރިންނަށް ދެވޭ އަނިޔާއެއް ކަމަށް މަސްވެރިން ބުނެފައިވެ އެވެ.
ނަމަވެސް މިއަދުން ފެށިގެން މަސްވެރިން ބާނާ މަސް ކޮންޓްރޯލް ކުރުމެއްނެތި ކިރުވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މިފްކޯއިން ބުންޏެވެ.
މަސްކިރުވުން ލިމިޓްކޮށްފައިއޮތް މުއްދަތުގައި މިފްކޯގެ ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް ދޯންޏަކުން ކިރަމުންދިޔައީ ހަތް ޓަނުގެ މަހެވެ. މަސްކިރުވުން ލިމިޓްކުރި ނަމަވެސް މަސްގަންނަ މިންވަރު ދަށްނުވާ ކަމަށް އެ ކުންފުނިން މީގެ ކުރިން ބުންޏެވެ.
މިފްކޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ، މިފްކޯއިން ދޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވިގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ދަނީ ހިފެހެއްޓެމުންނެވެ. މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީކުރުމަށް އިތުރު 9،500 ޓަނުގެ ސްޓޯރޭޖް އެޅުމާއި، ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަގެންދެ އެވެ.
ރައިއްޔަތުން ބޭނުންކަމެއް މި ކުރެވެނީ މިހާރު މި އޮތް ސަރުކާރު ހަލައިގަނެގެންކަން ޔަގީން ވެއްޖެ، ކޮށްދޭހިތުން ރައިއްޔަތަކަށް ހަމަ އެންމެ ކަމެއްވެސް ކޮށެއް ނުދިން ކޮންމެ ކަމެއް ވެސް މި ކުރަން ޖެހެނީ ސަރުކާރު ހާސްކޮށް ނޭވާ ހޮޅިއަށް އެރޭވަރު ކޮށްލައިގެން.