ފުުވައްމުލަކުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސައީދު ހޯދުމަށްޓަކައި ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ދެ ހާބާ ކްރާފްޓް ބޭނުން ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އޭނާ ހޯދުމަށް ފުވައްމުލަކުގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުވައްމުލަކުގައި ޑައިވިން ސެންޓަރެއް ހިންގާ އެރަށު ނޫވިލް، މުހައްމަދު ސައީދަކީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އޭނާ އިއްޔެ ޑައިވިންއަށް ދިޔައީ ފަތުރުވެރިން ގޮވައިގެނެވެ. އިއްޔެ އޭނާ ޑައިވިންއަށް ދިޔައީ 14 މީޓަރު އަޑިއަށެވެ.

"އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި ޑައިވިންއަށް ދިޔަ ސަރަހައްދުގެ އޮއިވަރު ވަރަށް ގަދަ. އެހެންވުމުން ބޭރަށް އޮއިވަރު އޮތިއްޔާ ހޯދަން އުނދަގޫވެދާނެ،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގެއްލިގެން ހޯދަމުންދާ ސައީދު ޑައިވިނަށް ފޭބީ އިއްޔެ 2:30 ހާއިރު އެވެ. އެހާދިސާގެ ރިޕޯޓް ލިބިފައި ވަނީ އިއްޔެ 3:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސައީދާއެކު އިއްޔެ ޑައިވިނަށް ގޮސް އުޅުނު ޒުވާނެއްގެ ހާލު ދެރަވެ ކަނޑިންމަ ރިސޯޓްގެ ޗެމްބަރުގައި އަންނަނީ ފަރުވާދެމުންނެވެ.