މޮސްކޯ (06 މެއި) ހިޓްލަރަކީ ޔަހޫދީ ދަރިކޮޅުގެ މީހެއް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލެވްރޯވް ބުނި ބުނުމަށް އެގައުމުގެ ރައީސް ވްލަޑިމީރް ޕުޓިން އިޒްރޭލުގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވީ މިކަމާ ގުޅޭގޮތިން ޕުޓިން އޭނާއަށް ފޯނުން ގުޅުއްވައި މައާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އެއާއެކު ބެނެޓް ވަނީ މައާފު ދެއްވައި މިކަމުގައި ޕުޓިންގެ ވިސްނުންފުޅު ހުރިގޮތް ސާފު ކޮށްދެއްވީތީ ޕުޓިންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިފޯނު ކޯލުގައި ބެނެޓް ވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އާއްމުންނަށް ރައްކާތެރިކަން ދެވޭނެ ގޮތެއް ފަހި ކޮށްދެއްވުމަށް ޕުޓިންއަށް ދަންނަވާފަ އެވެ.

ހިޓްލަރަކީ ޔަހޫދީ ދަރިކޮޅުގެ މީހެއް ކަމަށް ބުނުމުން ރަޝިއާއާއި އިޒްރޭލާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފަ އެވެ. އެއާއެކު ހަނގުރާމައިގައި އިޒްރޭލުން ޔޫކްރެއިންއަށް އެހީވާން ވިސްނާ ކަމުގެ ހަބަރުތަކެއް ވެސް ފެތުރުނެވެ.

މިދިޔަ އަންގާރަ ދުވަހު ލެވްރޯވް ވިދާޅުވެފައިވަނީ ތާރީހުގައި ހަނގުރާމައިގެ ގިނަ ޖަރީމާތަކެއް ހިންގި އެޑޮލްފް ހިޓްލަރަކީ "ޔަހޫދީ ލޭ" ހިނގި މީހެއް ކަމަށެވެ. އިޒްރޭލަކީ ޔަހޫދީންނަށް ވާގިވެރިވާ ޔަހޫދީ ދައުލަތެކެވެ. -- އަލް އަރަބިއްޔާ