ކާބުލް (07 މެއި) އަފަޣާނިސްތާނުގެ އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު އެގައުމުގެ އަންހެނުން މޫނު ބުރުގާ އެޅުން މަޖުބޫރުކޮށް ތާލިބާނުން އަމުރު ނެރެފި އެވެ.

ތާލިބާންގެ ވެރިޔާ ހިބަތުﷲ އަކުންދްޒާދާގެ ފަރާތުން ނެރުނު މި އަމުުރުގެ ބަޔާނުގައިވާ ގޮތުން އާއްމު ތަންތަނުގައި އުޅޭއިރު އަންހެނުން ތިބެން ވާނީ މޫނު ނިވާވާ ގޮތަށް ނިގާބު އަޅައިގެންނެވެ.

"މިކަމަށް އުމުރުގެ ގޮތުން މާ ހަގު ނުވަތަ ދޮށި އަންހެނުން ތިބެންވާނީ ލޯ ފިޔަވައި އެހެން ހުރިހާ ގުނަވަނެއް ނިވާވާ ގޮތަށް" އެބަޔާނުގައިވެ އެވެ.

އެއާއެކު އެއްވެސް ބޭނުމެއް ނެތި އަންހެނުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު ބޭރަށް ނުކުތުމުގައި މަހްރަމަކާއެކު ނުކުންނަން އިސްކަމެއް ދޭން އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ފިޔަވަޅަކީ މިދިޔަ އޮގަސްޓް މަހު ތާލިބާނުން ވެރިކަމަށް އެރިފަހުން އަންހެނުންނަށް އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅެވެ.

ތާލިބާނުން ވެރިކަމަށް އައީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް އިހުނަށްވުރެ ބޮޑު މިނިވަން ކަމެއް ދޭނެ ކަމުގެ ވައުދުތައް ވަމުންނެވެ. ނަމަވެސް މިހާތަނަށް އެ ވައުދުތައް ފުއްދާފައެއް ނުވެ އެވެ.

އެގޮތުން އަންހެން ކުދިންގެ ތައުލީމް ހުއްޓުވައި ވަޒީފާ އަދާ ކުރުމުގައި ވެސް އަންހެނުންނަށް ގިނަ ހިފެހެއްޓުންތަކެއް ތާލިބާނުން މިހާތަނަށް އަޅާފައިވެ އެވެ. -- އަލް އަރަބިއްޔާ