ބެއިރޫތު (16 މެއި) - ލުބްނާންގެ ޕާލިމެންޓަރީ އިންތިހާބުގެ ވޯޓުލުނި އިއްޔެ ކުރިއަށް ދިއުމަށްފަހު ވޯޓު ފޮށިތައް ގުނައި ވަގުތީ ނަތީޖާތައް ލިބެން ފަށައިފި އެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މަޖިލީހުގެ މެޖޯރިޓީ އޮތް ހިޒްބުﷲ ޖަމާއަތާއި އެ ޖަމާއަތަށް ވާގިދޭ ފަރާތްތަކަށް އޮތް ތާއީދު ވަނީ ބޮޑުތަނުން ކުޑަވެފަ އެވެ.

އެގޮތުން މީގެ ކުރިން ތާއީދު އޮތް ބައެއް ދާއިރާތަކުގެ ގޮނޑި އެ ޖަމާއަތަށް ގެއްލިފައިވާއިރު އިދިކޮޅު ލުބްނާން ފޯސަސް ޕާޓީއިން ވަނީ އެ ދާއިރާތަކުން ކާމިޔާބު އިއުލާން ކޮށްފަ އެވެ.

އިތުރު ވޯޓުފޮށިތައް އަދިވެސް ގުނަމުންދާއިރު 128 މެމްބަރުންގެ މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށް ބެލެވެނީ އިދިކޮޅުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މި ބޭއްވުނު އިންތިހާބަކީ ލުބްނާންގެ އިގްތިސާދީ އަޑިގަނޑަށްފަހު ބޭއްވޭ ފުރަތަމަ އިންތިހާބަށް ވުމާއެކު ގިނަ ބަޔަކް ވަނީ އިގްތިސާދު އަޑިގަނޑަކަށް ވެއްޓެން ޖެހުނީ ސަރުކާރާއި މަޖިލީހުގެ އިހުމާލުން ކަމަށް ބުނަމުންނެވެ.

މި އިންތިހާބުގައި 1992 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި ހިޒްބުﷲ ތަމްސީލު ކުރަމުން އަންނަ މެމްބަރަކަށް ވެސް ވަނީ ނާކާމިޔާބު ލިބިފަ އެވެ. ތަލާލް އަރްސްލާންގެ ބަދަލުގައި މިފަހަރު ސިއޯން ދާއިރާއަށް އިންތިހާބުވީ އާ މެމްބަރެއް ކަމަށްވާ މާކް ޑައޫ އެވެ.

މިއީ ލުބްނާނަށް އާ ފެށުމެއް ކަމަށް ވާނެ ކަމަށާއި މި ބަދަލާއެކު ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ ހާލަތަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ލުބްނާން ފޯސަސްއިން ބުނެ އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު މި އިންތިހާބު ބޭއްވިއިރު ހިޒުބުﷲއިން ވަނީ 71 ގޮނޑިއާއެކު މަޖިލީހުގެ މެޖޯރިޓީ ހޯދާފަ އެވެ. -- އަލް އަރަބިއްޔާ