ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ފޮރެކްސް ހިންގި "ޕޮންޒީ" ސްކީމްގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކޮށް އޭނައާ ސުވާލުކޮށްފި އެވެ.

މިރޭ 8:00 ގައި ފުލުސް އޮފީހަށް ހާޒިރުވެ، ދޮޅު ގަޑިއިރު އޭނާ އެތަނުގައި ހޭދަކުރެއްވި އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އަލްހާން ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާކަން ހާމަކުރައްވާފަ އެވެ.

ފުލުހުން އޭނާ ހާޒިރުކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން، ކިންގްސް ފޮރެކްސްގެ ނަމުގައި އެ ސްކީމްގައި ހިންގަނީ ކިންގްސް ކެޕިޓަލް ހޮލްޑިން ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން އިސްވެ ހުންނަވައި ހިންގާ ކިންގްސް ފޮރެކްސް "އިންވެސްޓްމަންޓް ސްކީމް" ގެ އެކައުންޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ ހަފުތާގައި ވަނީ ފްރީޒްކޮށްފަ އެވެ. އެ ކައުންޓް ފްރީޒްކޮށްފައި ވަނީ ފްރޯޑް ސްކީމެއް ހިންގާ ކަމަށް ތުހުމަތުކޮށެވެ.

ފްރޯޑް ސްކީމެއް ހިންގާތީ ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށް އަދި މިފަދަ ސްކީމްތަކާމެދު ފިޔަވަޅު އެޅުމަށް ބޭންކުތަކުން އެދިފައިވެ އެވެ.