ކޮރޯނާ ވައިރަސްއާ ދެކޮޅަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑާއި އަސްޓްރާޒެނެކާ ހެދި ވެކްސިން ވަރަށް ކާމިޔާބު ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

އެ ވެކްސިންގެ ދެވަނަ ފިޔަވަހީގެ ނަތީޖާ ދައްކާ ގޮތުން އެ ވެކްސިން ޖެހުމުން އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ބާރު ގަދަކޮށްދެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދައެއް މެޑިކަލް ޖާނަލް، ދަ ލެންސެޓްގައި މިއަދު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ވެކްސިން ޖެހި 560 މީހުންގެ ތެރެއިން 240 މީހުންނަކީ އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ. އަދި 56 އަހަރުން މަތީގެ މީހުންގެ ގައިން ވެސް ފެނުނީ އެ ވެކްސިން ޖެހި 18 އަހަރާ 55 އަހަރާ ދެމެދުގެ މީހުންގެ ގައިން ފެނުނު ކަހަލަ ދިފާއީ ބާރެއް ކަމަށް އެ ޖާނަލްގައި ބުނެފައިވެ އެވެ.

އެ ވެކްސިން ޖެހި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ސިއްހީ ހާލަތު ގޯސް މީހުންގެ ކިބައިން ފާހަގަކުރެވޭ ކަހަލަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ތަހްލީލްތަކުން ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ 14 ދުވަހުގެ ތެރޭގައި ބަލިން ދިފާއުވުމަށް ހަށިގަނޑުގެ ތެރޭގައި "ޓީ ސެލް" ކިޔާ މާއްދާއެއް އުފެދެ އެވެ. އަދި ދެވަނަ ޑޯޒް ދޭތާ 28 ދުވަހުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމް ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކޮށްދެ އެވެ. ވެކްސިންގެ ދެވަނަ ޑޯޒެއް ދީފިނަމަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ހަށިގަނޑު ތައްޔާރު ކޮށްދެ އެވެ.

އޮކްސްފޯޑް ވެކްސިންގެ ޝޮޓެއް ބްރެޒިލްގެ ވޮލަންޓިއަރެއްގެ ގަޔަށް ޖަހަނީ. އެ ވެކްސިން ވެސް ވަރަށް ކާމިޔާބު ކަމަށް ބުނޭ.

މި ވެކްސިން ޖެހި މީހުންގެ ތެރެއިން ސައިޑް އިފެކްޓް ފެނިފައި ވަނީ ވަރަށް މަދު މީހެއްގެ ކިބައިން ކަމަށް ބުނެފައިވެ އެވެ.

އޮކްސްފޯޑްގެ ދިރާސާ ހެދި އެއް ތަޖުރިބާކާރު ޑރ. މަހެޝީ ރަމަސަމީ ވިދާޅުވީ އެ ވެކްސިން ޖެހުމުން އުމުރުން ދުވަސްވީ މީހުންގެ ގައިގަ އުފެދޭ އެންޓި ބޮޑީ އާއި ޓީ ސެލްއިން ދައްކައިދެނީ ވަރަށް އުއްމީދީ އަދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކޮވިޑް ޖެހުމުން އެންމެ ބޮޑަށް އަސަރުކުރަނީ އުމުރުން ދުވަސްވީ އަދި ތަފާތު އެކި ސިއްހީ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮކްސްފޯޑް ވެކްސިންގެ ތިންވަނަ ފިޔަވަހީގެ ޓެސްޓްތައް ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށް އެބަގެންދެ އެވެ. އެ ފިޔަވަހީގެ ނަތީޖާތައް ވެސް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް ބެލެވެ އެވެ.

އޮކްސްފޯޑު ޔުނިވަސިޓީއިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 18،000 މީހުންނަށް މި ވެކްސިން ޓެސްޓްކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ބޮޑު ޓެސްޓްތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަލިވާ ކޮންމެ މީހެއްގެ ކޭސްވެސް ވަކިން ތަހުގީގު ކުރަން ޖެހޭނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.

އޮކްސްފޯޑުގެ ވެކްސިނަކީ ކްލިނިކަލް ޓެސްޓްތަކުގެ ތިން ވަނަ މަރުހަލާއާއި ހަމައަށް ވާސިލްވި ތިން ވެކްސިނުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެސް އެންމެ އުންމީދީ ވެކްސިނެވެ.