ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީއަކީ މިހާރު ދުނިޔޭގައި އެންމެ ނަން ހިނގާ އެއް ޝަހުސިއްޔަތެވެ. ދުނިޔޭގެ ގިނަ ލީޑަރުންނަކީ ފެންނަ ފެނުމަށް އަގުބޮޑު ބްރޭންޑުތަކުގެ ހެދުންތައް ބޭނުންކުރާ ލީޑަރުން ކަމަށް ވިޔަސް ޒެލެންސްކީ އަބަދުވެސް ފެންނަނީ ވަރަށް ސާދާކޮށެވެ.

އެގޮތުން ޒެލެންސްކީ ބޭނުންކުރާ އެމްޓެކް ބްރޭންޑުގެ ފެހި ކުލައގެ ޖެކެޓަކީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ޖެކެޓެކެވެ. ޒެލެންސްކީގެ ކޮންމެ ފެނިލުމެއްގައިހެން މި ޖެކެޓް ބޭނުން ކުރައްވާއިރު މިކަހަލަ ޖެެކެޓެއް ގަންނަން ވެސް ގިނަ ބަޔަކު ބޭނުންވެ އެވެ.

ނަމަވެސް އެފަދަ ފަރާތްތަކަަށް މިއޮތީ ހިތާމަވެރި ހަބަރެކެވެ. މި ޖެކެޓު އުފައްދާ ކުންފުނިން ވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އެގައުމަށް ކާމިޔާބު ލިބެންދެން މި ޑިޒައިންގެ ޖެކެޓް އުފެއްދުން ހުއްޓާލާފައިވާ ކަމަށް ބުނެފަ އެވެ.

ހަނގުރާމަ ފެށުނީއްސުރެ މި ޑިޒައިންގެ ޖެކެޓުތަކަށް އޮތް ޑިމާންޑް އިތުރުވެފައިވާ ނަމަވެސް އެ ކުންފުނިން ޖެކެޓު އުފައްދަމުން ދިޔައީ ހަަމައެކަނި އަސްކަރީ ބޭނުންތަކަށެވެ.

"ކޮންމެވެސް ދުވަހަކުން ޔޫކްރެއިންއަށް ކާމިޔާބު ލިބުމުން މި ޖެކެޓް އަނެއްކާވެސް އާއްމުކޮށް ލިބޭނެ،" އެމްޓެކްގެ މެނޭޖަރެއް ބުންޏެވެ.

ފާއިތުވެދިޔަ މަސްތަކުގެ ތެރޭގައި ޒެލެންސްކީ ވެފައިވަނީ ހިތްވަރުގަދަކަމާއި ހިތްތިރި ކަމުގެ ރަމްޒަކަށެވެ. ގައުމެއްގެ ވެރިއަކަށްހުރެ އާދައިގެ ހެދުމުގައި ހަނގުރާމައިގައި އަމަލީ ގޮތުން އޭނާ ބައިވެރިވުމާއެކު ގިނަ ބައެއްގެ ތައުރީފު ވަނީ އޭނާއަށް ލިިބިފަ އެވެ.

އެގޮތުން އިނގިރޭސި ވިލާތުގައި ބޭއްވި ފަންޑް ރެއިޒިން ހަރަކާތެއްގައި ޒެލެންސްކީ ސޮއިކޮށް ނީލަމަށް ލީ އޭނާގެ ޖެކެޓެއް ވަނީ 110،000 އެމެރިކާ ޑޮލަރަށް ވިކިފަ އެވެ.