މި މަހުގެ 20 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައިވާ ބޮލީވުޑްގެ ޒުވާން ހުނަރުވެރި އެކްޓަރު ކާތިކް އާރިޔަން އާއި ކިއާރާ އަދުވަނީ ލީޑް ރޯލް ފެނިގެންދާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ފުރަތަމަ ދުވަހު ވެސް ވަނީ ބޮޑު ކަމިޔާބެއް ހޯދައިފި އެވެ.

ފަރްހާދް ސަމްޖީ އާއި އާކާޝް ކޯޝިކް ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރި "ބޫލް ބުލައްޔާ 2" ޑައިރެކްޓްކުރީ އަނީސް ބަޒްމީ އެވެ. މި ފިލްމް ސިނަމާގައި އެޅުވި ފުރަތަމަ ދުވަހު ވެސް 14 ކްރޯޑް އިންޑިއަން ރުޕީސް ވަނީ ލިބިފަ އެވެ.

މިދުވަސް ވަރު އަޅުވާ ފިލުމުތަކަށް ފިނި ތަރުހީބެއް ލިބެމުންދިޔަ ނަމަވެސް ކާތިކްގެ "ބޫލް ބުލައްޔާ 2"އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެއާއެކު މިފިލްމު ވެގެންދާނީ ކާތިކަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ.

https://www.instagram.com/p/Cd3PmWFtQjW/

ބޮލީވުޑު ފިލްމް އިންޑަސްޓްރީގައި ކާތިކް ހޭދަކޮށްފައިވާ 11 އަހަރު ތެރޭގައި ކުޅެފައިވާ ތިރީހަކަށް ފިލުމުގެ ތެރެއިން މި ފިލްމް ކާތިކްއަށް ހާއްސަ ވެގެން ދިޔައީ، ފިލުމު އެޅުވުނު ފުރަތަމަ ދުވަހު އެންމެ ބޮޑު ފައިދާއެއް ލިބިގެން ދިޔަ ފިލުމަށް ވާތީ އެވެ.

މިއީ ފުރަތަމަ ދުވަހުން މިހާ ބޮޑު ކާމިޔާބެއް ލިބުނު ކާތިކްގެ ފުރަތަމަ ފިލްމެވެ.

މި ފިލްމާ އެއް ދުވަހެއްގައި ރިލީޒް ކުރެވުނު ކަންގަނާ ރަނައުތުގެ ފިލުމު ''ދާކަތު'' އަށް ފުރަތަމަ ދުވަހު ވެސް މާ ބޮޑު ކާމިޔާބެއް ލިބިފައި ނުވެ އެވެ.

https://www.instagram.com/p/CduoXMWjj-O/

ބޫލް ބުލައްޔާގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ.