ރާއްޖެއިން މީގެ ކުރިން ފެނިފައި ނުވާ ބާވަތެއްގެ ދޫންޏެއް ލ. ހިތަދޫން ފެނިފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭ އިން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު، ރާއްޖޭން މީގެ ކުރިން ފެނިފައިވާ ކަމަށް ރެކޯޑުކޮށްފައިވާ ނުވާ ބާވަތެއްގެ ދޫންޏެއް ކަމަށްވާ ވައިޓް ސްޓޯކްއެއް ފެނިފައިވާ ކަމަށެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ވައިޓް ސްޓޯކެއް މީގެކުރިން ރާއްޖޭން ފެނިފައިވާ ކަން އެނގިފައި ނުވާ ކަމަށެވެ

ވައިޓް ސްޓޯކްއަކީ ސްޓޯކް އާއިލާގެ އެންމެ ބޮޑު ދޫންޏެވެ. އޭގެ ހަށިގަނޑުގެ ބޮޑު ބައި ހުދުކުލައިން ހުންނަ ނަމަވެސް، ފިޔަގަނޑުގެ އެއްބައިގައި ކަޅު ކުލަ ވެސް ހުރެ އެވެ. ފައި އަދި ތުން ހުންނަނީ ރަތް ކުލައިގަ އެވެ. ރާއްޖޭގައި އުޅޭ ދޫނިތަކުގެ ތެރެއިން އެ ދޫނި އެންމެ ވައްތަރީ މާކަނާއާ އެވެ. އަދި ވައިޓް ސްޓޯކް ކައި އުޅެނީ ކުދި މަންމަލި ޖަނަވާރުތަކާއި، ބޮޑެތި ސޫފާ ސުއިއްޕެވެ. އަދި، ކުޑަ ރެޕްޓައިލްގެ ބާވަތްތަކާއި މަސްތަކާއި އެހެން ދޫނިތަކުގެ ބިސްތައް ވެސް ކައި ހަދަ އެވެ.

އީޕީއޭ އިން ބުނިގޮތުގައި ވައިޓް ސްޓޯކް އަކީ ފިނި މޫސުމުގައި ދެކުނު އިންޑިއާ އިން އަދި މަދުން ނަމަވެސް ލަންކާ އިން ފެންނަ ދޫންޏެކެވެ.

ވައިޓް ސްޓޯކް އާންމުކޮށް ފެންނަނީ އުތުރު އެފްރިކާ އާއި މެދު އިރުމަތީގެ ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުންނެވެ. ވައިޓް ސްޓޯކްގެ އާބާދީ މިހާރު އެންމެ ގިނައީ ސްޕެއިން، ޕޮލެންޑް އަދި ބޮލްޓިކް ސަރަހައްދުގަ އެވެ.

ރާއްޖޭން ފުރަތަމަ ފަހަރަށް ވައިޓް ސްޓޯކްއެއް ފެނުނުކަން ރެކޯޑު ކުރެވުނު އިރު، މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް އާންމުކޮށް އައިސް ނޫޅޭ ފްލެމިންގޯ ދޫނިތަކެއް ރާއްޖެ އައިސްފައިވެ އެވެ. ހިޖުރަ ކުރަމުން ދިޔަ އެ ދޫނިތަކުގެ ތެރެއިން ބައެއް ދޫނިތައް ހިފި މައްސަލަތަކެއް ވެސް އޭރު ފެންމަތިވި އެވެ.