ގުދުސް (26 މެއި) - މަސްޖިދުލް އަގްސާގެ ގޯތި ތެރޭގައި ޔަހޫދީންގެ ބަޔަކު އަޅުކަން ކުރާތީ އެކަމާ ދެކޮޅަށް އިޒްރޭލުގެ ކޯޓަކަށް ހުށައެޅި މައްސަލައެއް ކޯޓުން ބޭރު ކޮށްލައިފި އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ވެެވިފައިވާ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ޔަހޫދީންނަށް މަސްޖިދުލް އަގްސާގެ ގޯތި ތެރެއަށް ވަދެވޭނީ އެއްވެސް ކަހަލަ އަޅުކަމެއް ނުކުރާ މަތިންނެވެ.

ނަމަވެސް މިފަތުން އިޒްރޭލުގެ ޔަހޫދީންތަކެއް އެ މިސްކިތުގެ ގޯތި ތެރޭގައި އަޅުކަން ކުރަމުން ދާތީ ފަލަސްތީނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއާއެކު އިޒްރޭލުން އެއްބަސްވުމާ ޚިލާފުވާ ކަމަށް ބުނެ އެގައުމުން ވަނީ އިޒްރޭލުގެ ކޯޓަކަށް މައްސަލަ ހުށައަޅާފަ އެވެ. އެހެން ނަމަވެސް މި މައްސަލަ ކޯޓުން ބޭރުކޮށްލަމުން ގާޒީ ވިދާޅުވީ މި މައްސަލައިގެ އަސްލަކީ ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވާ ކަމެއް ނޫން ކަމަށެވެ.

މިހާރު ވެސް މަސްޖިދުލް އަގްސާއަށް ގިނަ އަދަދެއްގެ ޔަހޫދީން އަންނައިރު، މި ނިންމުމާއެކު އެ މިސްކިތަށް އަޅުކަން ކުރަން އަންނަ ޔަހޫދީން އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މުސްލިމުންގެ ތިން ހަރަމްގެ ތެރޭގައި ހިމެނޭ މަސްޖިދުލް އަގްސާގެ ގޯތި ތެރޭގައި ޔަހޫދީން މާތްކުރާ ފައްޅިއެއް ހުންނަ ކަމަށް އެ މީހުން ބުނެ އެވެ.

މަސްޖިދުލް އަގްސާއަކީ އިޒްރޭލާއި ފަލަސްތީނުގެ މެދުގައި އޮތް ޒަމާންވީ ދެކޮޅުވެރިކަމުގެ އަސްލު ކަމުގައި ބުނެވިދާނެ އެވެ. އެ މިސްކިތުގެ ސަރަހައްދަކީ ދެގައުމުން ވެސް އެގައުމަކަށް ނިސްބަތްވާ ކަމަށް ދައުވާކުރާ ސަރަހައްދެކެވެ.