ބޮލީވުޑްގެ ޒުވާން ތަރި، ކާތިކް އާރިޔަން އަނެއްކާ ވެސް ފިލްމް ކުޅެދޭ އަގު ބޮޑުކޮށްފި އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކާތިކްގެ "ބޫލް ބުލައްޔާ 2" އަކަށް ލިބެމުން އަންނަ ކާމިޔާބީއާއެކު އޭނާ ދެން ފިލްމު ކުޅެދޭ އަގު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކާތިކް ނިންމާފައިވަނީ 35-40 ކްރޯޑް ރުޕީސް (4.5 މިލިއަން ޑޮލަރާއި ހަ މިލިއަން ޑޮލަރު) އަށް ފިލްމް ކުޅެދިނުމަށެވެ.
ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ކާތިކް ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އެއީ ތިން ކްރޯޑް ރުޕީސް އިން ހަތް ކްރޯޑް ރުޕީސް އަށެވެ.
31 އަހަރުގެ އެކްޓަރު ކާތިކް ފިލްމު ކުޅޭ އަގު އަލުން ބޮޑުކުރި އިރު، އޭނަ އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ. މި މަހުގެ 20 ގައި ރިލީޒްކުރި "ބޫލް ބުލައްޔާ 2" މިހާރު 100 ކްރޯޑް ކުލަބަށް ވެސް ވަދެފައިވާ އިރު، މި އަހަރު ދެން ރިލީޒްވާން އޮތް ކާތިކްގެ ފިލްމަކީ ނޮވެމްބަރު ގައި ރިލީޒްކުރާ ޝެހެޒާދާ އެވެ.
ޝޫޓިން ނިންމާފައި އޮތް "ފްރެޑީ" ގެ އިތުރުން އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރާޔަން ކީ ކާތާ" ހިމެނެ އެވެ.
ދެހާސް އެގާރައިގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ބޮލީވުޑަށް ނުކުތް ކާތިކް ވަރުގަދަ ސްޓާރަކަށް ބަދަލުކުރީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.