މަޝްހޫރު ރިއަލިޓީ ސްޓާ ކިމް ކާޑޭޝިއަން އާއި އޭނާގެ ލޯބިވެރިޔާ ޕީޓްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވާން ފަށައިފި އެވެ.

ޕީޓްގެ އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައިވާ މި ފޮޓޯތަކުގައި ކިމްއާ އޭނާގެ ލޯބިވެރިޔާ ޕީޓް އެކީގައި އުފާވެރި ވަގުތުތަކެއް ހޭދަކުރާ މަންޒަރު ފެނެ އެވެ. އަދި މިފޮޓޯތަކަށް އާންމުންގެ ތައުރީފު ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ޕޯސްޓަށް ކޮމެންޓް ވެސް ކޮށްފަ އެވެ.

އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ، ކިމް ހޯސްޓުކުރި ލައިވްއަކުންނެވެ. އަދި އެއަށްފަހު އެ ދެ މީހުންގެ ގުޅުން އިތުރަށް ދިޔައީ ބަދަހިވަމުންނެވެ.

ހަމަ އެހެންމެ ކިމް އާއި ޕީޓްވެސް އެކަކު އަނެކަކީ ލޯބިވެރިން ކަމަށް މީޑިއާތަކަށް ވަނީ މައުލޫމާތުދީފަ އެވެ.

ކިމްގެ އައު ލޯބިވެރިޔާ، ޕީޓް އާއެކު އޭނާ ދިރިއުޅެން ފަށާފައިވާއިރު، ކިމް ވަނީ ޕީޓް އާއި އޭނާގެ ދަރިންނާ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް އެކަކު އަނެކަކަށް ތައާރަފްކޮށްދީ، އެކީގައި ވަގުތު ހޭދަކުރަން ފަށާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި ކިމްގެ ދަރިންނަށް ވެސް މިހާރު ޕީޓް ވަރަށް ކަމުދާ ކަމަށް ކިމް ބުނެފައިވެ އެވެ.

ކިމް އާއި ޕީޓް ލޯބީގެ ގޮތުން ގުޅުނީ ކާންޔޭ ވެސްޓް، އޭނާއަށް ބޭވަފާތެރިވުމާ ގުޅިގެން އޭނާ އާ ވަރިވެ ގުޅުން ކަނޑާލާފައި ވަނިކޮށެވެ. ހަބަރުތައް ބުނާގޮތުގައި، ކިމް އިތުރަށް ދެން ކާންޔޭ އާ ގުޅެން ބޭނުންނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.