ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައިފި އެވެ.

ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކޮށްފައިވާ، ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުން ކަމަށެވެ.

މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން އެ އިނާމަށް ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ، އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މިއަދުން ފެށިގެން 2021 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިނާމަށް ހުށަހެޅޭނެކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އިނާމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް، އެ ލިޔުންތައް ހުށަހެޅުއްވުމަށް ދެވަނަ ފުރުސަތެއް ދެއްވައިފައިވީނަމަވެސް، މިއަހަރު އިތުރު ފުރުސަތެއް ދެއްވުމަށް ހަމަޖެހިފައެއް ނުވާކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެހެންކަމުން، އިނާމަށް ހުށަހަޅާއިރު، ހުރިހާ މަޢުލޫމާތުތައް ފުރިހަމަކޮށް، ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު ފޯމު ހުށަހެޅުއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދިފައިވާކަމަށް އެ ބަޔާނުގައިވެ އެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން، އެފަރާތެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތަކަށް އިސްކަމެއް ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް އިސްކަން ދޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

މިދިޔަ އަހަރު ތައާރަފްކުރި މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.