ގއ. ގެމަނަފުށީ ސްކޫލްގެ ދެ ދަރިވަރެއްގެ ބޮލަށް ޕާޓިޝަނެއް ވެއްޓި އަނިޔާވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަ ދައްކަމުން އެ ސްކޫލްގެ މުވައްޒަފަކު ބުނީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ.

ދެ ދަރިވަރެއްގެ ބޮލަށް ވެއްޓިފައި ވަނީ އެ ސްކޫލްގައި ކްލާސްރޫމްތައް ވަކި ކުރުމަށް ޖަހާފައިވާ އަށް ފޫޓު އުސް ޕާޓިޝަނެއް ކަމަށް އެ މުވައްޒަފު ބުންޏެވެ.

"ޕާޓިޝަން ވެއްޓުނީ ގްރޭޑް އެކެއްގެ ދެ ކުއްޖެއްގެ ބޯމައްޗަށް. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް،" އޭނާ ކިޔައިދިނެވެ.

އެ ދެ ދަރިވަރުންނަށް ގެމަނަފުށީ ސިއްހީ މަރުކަޒުން ވެސް ވަނީ ފަރުވާ ހޯދާފަ އެވެ.

އަނިޔާ ލިބުނު އަންހެން ކުއްޖާއަށް ބޭރު ފުށުން ފެންނަ ވަރުގެ އަނިޔާއެއް ނުވެ އެވެ. އެތެރެފުށުން އަނިޔާއެއްވިކަން އަދި ޔަގީނެއް ނޫނެވެ. ނަމަވެސް ފިރިހެން ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު ބެލެނިވެރިންނަށް އެންގީ އެކަން ހިނގިތާ އެއްގަޑިއިރުފަހުން ކަމަށް ވެސް އެ މުވައްޒަފު ބުންޏެވެ.

އޭނާ ބުނީ އެ މައުލޫމާތު ލިބިގެން ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ސައްދާމަށް އެޑިއުކޭޝަން މިނިސްޓްރީން ގުޅިއިރު، އޭނާއަށް އެކަން ހިނގިކަން އެނގިފައިނުވާ ކަމަށެވެ.

"މިހާރު އެ އުޅެނީ ސްކޫލްގެ ޕްރިންސިޕަލް ބަދުނާމުވެދާނެތީ، މިކަން ފޮރުވަން. އަދި މިކަމުގެ މައުލޫމާތު މީޑިއާތަކަށްދޭ މުވައްޒަފުންނާ މެދު ފިޔަޅު އަޅަން ވެސް ސްކޫލްގެ ވެރިން ވަނީ ނިންމާފައި،" އެ މުވައްޒަފު ބުންޏެވެ.

ހުރިހާއާ ވާހަކަ ދެއްކި މުވައްޒަފު ބުނީ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އެކަމަކީ ނުވާ ކަމަކަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ކިތަންމެ ފިޔަވަޅެއް އެޅިޔަސް އެފަދަ މައްސަލަތައް ކަމާބެހޭ އިދާރާތަކާއި މީޑިއާގެ ސަމާލުކަމަށް ގެނައުމުގައި އެ ސްކޫލްގެ މުވައްޒަފުން ފަސް ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.